އަސްލުލިޔުއްވީ: އިމްތިޔާޒު އަޙްމަދު އަލްމަދީނަތުލް މުނައްވަރާ

ދިވެހި ބަހަށް ތަރުޖަމާކުރީ: އަބްދުﷲ ފާރޫޤު ޙަސަން

ހުޅަނގުގެ ގައުމުތަަކުގައި ދިރިއުޅޭ ވަރަށް ގިނަ މުސްލިމުން އިސްނަގައިގެން ދީނީ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދެއެވެ. އެކަމުގައި އެކަކަށްވުރެ އަނެކަކު ކުރިއަރާން މަސައްކަތްކުރެއެވެ. މިސްކިތްތަކާއި، އިސްލާމީ މަދަރުސާތަކަށް ޚިދުމަތް ކުރުން މިގޮތުން ފާހަގަކޮށްލެވެއެވެ. އެކަމުގައި އައުމުސްލިމުންނާއި، އާއިލީމުސްލިމުންގެވެސް ތަފާތެއް ނުހުރެއެވެ.

އެމެރިކާގެ ޑިޓޮރޮއިޓުގެ ތައުޙީދު ސެންޓަރުގައި އެއްދުވަހަކު އަޅުގަނޑުމެން އެއްބަސްވީ ކުރިޔަށް އޮތްދުވަހުގެ ފަތިސްނަމާދަށްފަހު ދެތިންކާރުގައި ތައުހީދުސެންޓަރ އޮފް ފާމިންޓަންހިލަށް ދިއުމަށެވެ. އެތާގައި ހުރި ބޭނުމެއްނެތް ގަސްތައްކަނޑައި ބައެއް ގަސްތައް ކޮށައި ކުދިކުދި ބޮނޑިބޮނޑިޔަށް ބަނދެފައި މަގުކައިރީގައި ބެހެއްޓުމަށެވެ. އޭރުން މުނިސިޕަލްޓީން އެތަކެތި ގެންދާނެއެވެ. މިސްކިތުގެ ހަރިންމަތެރެ ސާފުކުރެވޭނެއެވެ.

ފަތިސްނަމާދަށްފަހު ޒިކުރުތަސްބީހަކިޔައި ނިމިގެން އަޅުގަނޑުމެން ދެކާރުގައި ދަތުރުފަށައިފީމުއެވެ. ޖިމްއަކީ އައު މުސްލިމެކެވެ. އޭނާ ޑިޓޮރޮއިޓުގެ މިސްކިތަށް އައީވެސްއަލަށެވެ. އޭނާއެރީ އަޅުގަނޑުގެ ކާރަށެވެ. އެހެންމީހުން އެރީ އެހެންކާރަކަށެވެ. ޖިމްއަކީ ބާވީހަކަށް އަހަރުގެ ޒުވާނެކެވެ. ފަސޭހައިން ކަންތައްވިސްނައިގަންނަ ހުސިޔާރުމީހެކެވެ. އަޅުގަނޑު އެނާއާ ސުވާލުކުރީމެވެ. ތިބާ އިސްލާމްކަމުގެ ގަހަނާއިން ޒީނަތްތެރިވާން މެދުވެރިވި ސަބަަބަކީ ކޮބައިހެއްޔެވެ؟ ޖިމް އޭނާގެ ދިރިއުޅުމުގެ ވާހަކަ ތަފްޞީލުކޮށް އަޅުގަނޑަށް ކިޔައިދިިނެވެ.

އަޅުގަނޑު މަންމައާއި ބައްޕަގެ އަރިހުގައި އަޅުކަންކުރާން ޗާޗަކަށް ގޮސް އުޅުނީމެވެ. އެޗާޗުގައި އަޅުކަންކުރުމަށްޓަކައި ބައްޕައާއި މަންމަގެ އާމްދަނީގެ ދިހައެއް އިންސައްތަ ޗާޗަށް ދެއްވަންޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެތާނގެ ބައެއް ނަޒަރިއްޔާތަކާއި އަޅުކަންކުރާގޮތާމެދު ބައްޕަމެން ހިތްހަމަ ޖެހިވަޑައެއްނުގެންނެވިއެވެ. އެހެންކަމުން އެހެން ޗާޗަކަށް ބަދަލުވެ ވަޑައިގެންނެވިއެވެ. އެޗާޗަށްވެސް ބައްޕައާއި މަންމަގެ އާމްދަނީގެ އަށެއް އިންސައްތަ ދެއްވަންޖެހުނެވެެ. ނަމަވެސް ކުރީގެ ޗާޗާ އަޅާބަލާއިރު ފަހުން އަޅުގަނޑުމެންދާންފެށިޗާޗާމެދު ބައްޕަވެސް މަންމަވެސް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވިއެވެ. އެހެންވެ މުސްތަޤިއްލުކޮށް އެޗާޗާ ގުޅިވަޑައިގެންނެވިއެވެ.

ކްރިސްޓިޔަންދީނާމެދު އަޅުގަނޑުގެ ހިތުގައި އެންމެ ފުރަތަމަ އުފެދުނު ހިތްހަމަނުޖެހުމަކީ އަޅުކަންކުރާތަންތަނަށް މަޖުބޫރުން ފައިސާނެގުމެވެ. އަޅުގަނޑު ހޯދާން ބޭނުންވީ އަޅުކަންކުރާ ތަނަށް ކުލިދޭން ނުޖެހޭދީނެކެވެ.

އަޅުގަނޑު މަތީޘާނަވީ ނިންމުމަށްފަހު ޔުނިވަރސިޓީއަށް ވަދެއްޖައީމެވެ. ޔުނިވަރސިޓީން ބައްދަލުވާ ބައިނަލްއަޤްވާމީ މުސްލިމް ދަރިވަރުންނާ އަޅުގަނޑު ސުވާލުކުރަމެވެ. ތިޔަބައިމީހުން ވެސް އަޅުކަންކުރާތަންތަނަށް ކުލިދައްކަންޖެހޭހެއްޔެވެ. ހުރިހާ ކުދިންވެސް ޖަވާބު ދިނެވެ. "އެއްގޮތަކަށްވެސް ނުޖެހެއެވެ. އަދިކީއްހެއްޔެވެ؟ އަޅުކަންކުރާތަންތަންބޭނުންކުރުމަކީ އެންމެގެވެސް ޙައްގެކެވެ. އެކަކަށްވެސް ވަކި އިމްތިޔާޒެއް ނޯންނާނެއެވެ."

މިހިސާބުން އަޅުގަނޑު ފާހަގަ ކޮށްލާނަމެވެ. ހުޅަނގުގެ ގައުމުތަކުގެ ޔުނިވަރސިޓީ ކެމްޕަސްތަކަކީ ވަރަށް މިނިވަން މާހައުލެކެވެ. އެމިނިވަންމާހައުލުގައި ހަލާކުވާކުދީން ހަލާކުވެއެވެ. ބިނާވާކުދީން ބިނާވެއެވެ. ޔުނިވަރސިޓީތަކުގެެ ކުދީން އެއްބަޔަކު އަނެއްބަޔަކާ ޚިޔާލުބަދަލުކުރާ ގޮތާމެދު ތާރީފުކުރާންޖެހެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ޖަވާބުދެނީ މާކުރުކޮށެއްވެސްނޫނެވެ. ފޫހިވާހައި ދިގުކޮށެއްވެސްނޫނެވެ. ސުވާލުކުރާ ކުއްޖާ އެއްޗެއް އޮޅުން ނުފިލައިގެން އުޅެންޖެހޭ ގޮތަކަށްވެސްނޫނެވެ. އެހެންކަމުން ތަކުރާރުކޮށް އިތުރުސުވާލުކޮށް ހަދާކަށްވެސް އެކުދީން ފަހެއްނުޖެހެއެވެ. ޖަވާބުދޭއިރު ތިމާވިސްނާގޮތް އެހެން ކުދީންލައްވައި ޤަބޫލުކުރުވާކަށެއްވެސް ބާރެއް ނާޅައެވެ. އަނެކުން ނުގަބޫލުވިޔަ ނުދިނުމަށްޓަކައެވެ. އެއްފުރާގެ ކުދިންކަމުގައިވާތީ އެއްކުއްޖެއްގެ ޚިޔާލުން އަނެއް ކުއްޖަކަށް އަސަރުފޯރާގޮތްވެސްހުރެއެވެ. މިގޮތުން އެއްބަޔަކު އަނެއްބަޔަކު ދެނެތިބެގެން ވަހަކަ ދައްކައި އޮޅުންފިލުވުމާއި އޮޅުންފިލުވައިދިނުމުގެ ސިލްސިލާ ކުރިޔައްދެއެވެ. މިއީ އަޅުގަނޑުމެންގެ ބައެއް ވާޢިޡުން ދަސްކުރައްވަންޖެހޭ ކަމެކެވެ.

ޖިމްގެ ވާހަކަ ކުރިޔަށްގެންދިޔައެވެ. އަޅުގަނޑުގެ ހިތަށްއެރިއެވެ. އަޅުކަންކުރުމަށްޓަކައި މަޖްބޫރުން ފައިސާ ނުނަގާކަމީ ވަރަށް ރަނގަޅުކަމެކެވެ. އެފަދަ ދީނަކާމެދު އިތުރަށް ޖެހޭނީ މައުލޫމާތު ހޯދާށެވެ. އޭރު އަޅުގަނޑު ހުރީ ކްރިސްޓިޔަން ޗާޗުތަކާމެދު ހިތްހަމަ ނުޖެހިފައެވެ. ބައްޕައާއި މަންމަގެ އަރިހުގައި ޗާޗަށް ދިޔުން ހުއްޓައިލައިގެންނެވެ. ޔުނިވަރސިޓީގެ މުސްލިމު ދަރިވަރުންނާ ދީނާބެހޭގޮތުން މަދުމަދުން ޚިޔާލު ބަދަލުކޮށް ހަދަމެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ހިޔަމިތުރާ ދެމީހުން ދިރިއުޅުނީ ކުލީގެއެއްގައެވެ. އަޅުގަނޑުގެ ހިޔަމިތުރަކީ ބުދުދީނުގެ ކުއްޖެކެވެ. އޭނާ ގޭގެ އެތައްމިތާނގައި ވަރަށްގިނަ ބުދުބަހައްޓައިފައިހުރެއެވެ. ނަމަވެސް އޭނާ ބުދުދީނުގައި މާރަނގަޅަކަށް ސާބިތުވެއެއް ނުހުރެއެވެ. އަޅުގަނޑުވެސް ކްރިސްޓިޔަން ދީނުގައި ހުންނަނީ އެކަހަލަ ގޮތަކަށެވެ. އަޅުގަނޑު ކޮންމެވެސް އެހެންގޮތެއް ހޯދަން އުޅޭކަން އަޅުގަނޑުގެ ހިޔަމިތުރަށް އެނގޭނެއެވެ.

އެއްފަހަރަކު ކްރިސްމަސް ދުވަހަކާ ދިމާކޮށް އޭނާ ބާޒާރަށް ހިނގައްޖެއެވެ. އަޅުގަނޑަށް ކްރިސްމަސް ހަދިޔާއެއް ގަތުމަށްޓަކައެވެ. ކްރިސްމަހުގެ މުނާސަބާއަކީ ހުޅަނގުގެ ޤައުމުތަކުގައި އެންމެންވެސް ތިމާގެ ގާތްމީހުންގެ ފަރާތުން ހަދިޔާ ލިބުމަށް އުންމީދުކުރާ މުނާސަބާއެކެވެ. އެކަމުގައި ދީނުގެ ގައިދެއްވެސް ނޯވެއެވެ. މިސާލަކަށް ޔަހޫދީންނަކީ ޢީސާޢަލައިހިއްސަލާމް ޤަބޫލުކުރާ ބައެއްނޫނެވެ. ނަމަވެސް އެމީހުންގެ ވިޔަފާރީގެ އޮފީސްތަކާއި، ހޮޓާތަކުގައި ވަރަށް ބޮޑެތި ކްްރިސްމަސްގަސްތައް ހަދައެވެ.

އަޅުގަނޑުގެ ހިޔަމިތުރަށް ބާޒާރުން ފެނުނުފޮތެކެވެ. އޭނާ މަތިމަތީން އެފޮތްބަލައިލިއެވެ. އޭނާއަށް ފެނުނީ އެފޮތަކީ ފަލްސަފީކުލައެއްގެ ފޮތެއްކަމުގައެވެ. އޭނާގެ ހިތަށްއެރިއެވެ. ޖިމްއަކީ އަބަދުވެސް އާދަޔާ ޚިލާފު ވާހަކަތައް ދައްކައި އުޅޭމީހެކެވެ. ފަހަރެއްގައި އޭނާ މިފޮތާ ވަރަށް ގަޔާވެދާނެއެވެ. އެހެން ހިތަށް އެރުމުން އޭނާ ކްރިސްމަސް ހަދިޔާއަކަށް އަޅުގަނޑަށްދޭން އެފޮތްގަނެފިއެވެ. އަޅުގަނޑު އެފޮތްކިޔާން ފަށައިފީމެވެ. އެފޮތަކީ އަލްޤުރުއާނުލްކަރީމުގެ އިނގިރޭސި ތަރުޖަމާއެކެވެ. އަޅުގަނޑު ވަރަށް ސަމާލުކަންދީގެން ޝައުގުވެރިކަމާއެކު އެފޮތް މުޠާލިޢާކުރީމެވެ. ކޮންމެދުވަހަކުވެސް އަޅުގަނޑުގެ ސިކުނޑީގައި އާސުވާލުތަކެއް އުފެދެއެވެ. މުސްލިމު ކިޔަވާކުދީންގެ ފަރާތުން އަޅުގަނޑުގެ ސުވާލުތަކަށް ވަރަށް ހިތްހަމަޖެހޭފަދަ ޖަވާބުތަކެއް ލިބެއެވެ. އެގޮތުން އަޅުގަނޑުގެ ހިތާއި ސިކުނޑި އިސްލާމްދީނަށް މަރްހަބާކިޔަން ތައްޔާރުވެއްޖެއެވެ. އަޅުގަނޑު މުސްލިމް ކިޔަވާކުދީންގެ ޖަމްޢިއްޔާގެ އިސްފަރާތްތަކާ ބައްދަލުކޮށް އިސްލާމްވާން ބެނުންވާހަކަ ބުނެފީމެވެ. އެފަރާތްތަކުން އަޅުގަނޑަށް ޝަހާދަތްކިޔައިދީ އިސްލާމްދީނަށް ވައްދައިފިއެވެ. މާތްﷲގެ ދީލަތިވަންތަކަމާއި، އޯގާވަންތަކަމުން އަޅުގަނޑު އިސްލާމްވެއްޖައީމެވެ. އަލްޙަމްދުﷲއެވެ.

(ނުނިމޭ)