18 Jan 2018, 11:45
ޗަންދިގަރު(ޖެނުއަރީ 18): އިންޑިއާގެ ހަރިޔާނާގައި މިދިޔަ ހޮނިހިރު ދުވަހު ރޭޕްކޮށް މަރާފާއި އޮއްވާ ފެނުނު އަންހެން ކުއްޖާގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި 18 އަހަރުގެ ގުލްޝަންގެ ހަށިގަނޑު ފެނިފައި ވަނީ އަންހެން ކުއްޖާގެ ހަށިގަނޑުވެސް ފެނުނު ކެނަލްއިން، އެކުއްޖާ އޮތް ސަރަހައްދާ 120 ކިލޯމީޓަރު ދުރުންނެވެ. ގުލްޝަން މަރުވެފައި އޮއްވާ ފެނުނީ އަންހެން ކުއްޖާ ވަގަށް ނަގައި މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހޯދަމުން ދަނިކޮށެވެ.
އެމައްސަލައިގައި ގުލްޝަންގެ ބައްޕަ އާއި ދެ ބޭބެއިން ހައްޔަރު ކުރުމުން އޭނާގެ މަންމަ ވަނީ ގުލްޝަން އާއި އަންހެން ކުއްޖާއަށް ހަމަލާދީ މަރާލާފައި ވަނީ އެހެން ބަޔަކު ކަމަށް ބުނެ، އެއާއިލާގެ މެމްބަރުން ދޫކޮށްލުމަށް ގޮވާލައިފައެވެ.
ފުލުުހުންނާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން ގުލްޝަންގެ ޕޯސްޓްމޯޓަމްއިން ދެއްކި ގޮތުގައި އޭނާ މަރުވެފައި ވަނީ ފެތިގެންނެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެނިފައި ނުވާ ކަމަށް އެނޫހުގައިވެއެވެ.
ގުލްޝަން އާއި އެ އަންހެން ކުއްޖާ ގެއްލުނީ މިމަހުގެ ނުވައެއްގައި ޓިއުޝަން ކުލާހަކަށް ދިޔަ ފަހުންނެވެ. އަދި އޭގެ ފަސް ދުވަސް ފަހުން އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނު އިރު އެކުއްޖާއަށް ވަނީ ބޮޑެތި އަނިޔާތައްކޮށް ރޭޕްކޮށްފައެވެ. އޭގެ ސަބަބުން އެކުއްޖާގެ ބައެއް ގުނަަވަންތައް ހަށިގަނޑުން ބޭރަށް ނިކުމެފައިވާކަމަށާއި ކުއްޖާގެ ހަށިގަނޑުގައި ސީރިއަސް 19 ޒަހަމެއް ހުރިކަމަށް ރިޕޯޓުތަކުގައިވެއެވެ.
އިންޑިއާގެ ދިއްލީގައި 2012 ވަނަ އަހަރު 23 އަހަރުގެ ދަރިވަރަކު ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލި ފަހުން އެގައުމުން ވަނީ ޖިންސީ އަނިޔާ ކުރުމާ ބެހޭ ގަވާއިދުތައް ހަރުކަށިކޮށްފައެވެ. ނަމަވެސް 2016 ވަނަ އަހަރު އިންޑިއާގެ ގައުމީ ކުށުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި އެގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ ދަނީ އިތުރުވަމުންނެވެ. (ބީބީސީ)