18 Jan 2018, 13:33
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ޕާމަނަންޓް ސެކްރެޓަރީއަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޔޫތު މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއެއް ހޯދުމަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.
ޕީއެސްގެ މަގާމަށް ކުރިމަތިލެވޭނީ މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވާ، ނުވަތަ ސަރުކާރު، ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާއެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވާ އިރު، ލިވިންގް އެލަވަންސްއަށް ލިބޭ 15،000 ރުފިޔާއާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.
މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފެބްރުއަރީ އެއްވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމާއި، ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ އިއުލާނުގައި ވެއެވެ.
ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ފާތިމަތު މުނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. ީ އޮގަސްޓްމަހު ޔޫތު މިނިސްޓްރީގެ ވަޒީފާއަށް ނިކުމެ ވަޑައިގަތްފަހުން ސިވިލް ސާވިސް ކޮމިޝަނުން އޭނާ ގޭގައި މަޑުކުރައްވަން އެންގުމަށްފަހު ގިނަ ދުވަސްވުމުން ކަމަށް މުނާ ވަނީ މީގެ ކުރިން "ސަން"އަށް ވިދާޅުވެފައެވެ.