މިމަހުގެ ހަ ވަނަ ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އިނގިރޭސި ދެމަފިރިއަކު މަރުވެގެން ދިޔަ ހާދިސާގައި އެކްސިޑެންޓުވި ވެހިކަލަކީ ރަޖިސްޓްރީކޮށްފައިވާ ވެހިކަލެއް ކަމަށާއި އަދި އެވެހިކަލް ދުއްވަން އިން ފިލިޕް އިއުގެން ޕެޓްރެއާ އަތުގައި އެ ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް އޮންނަ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ކުރެއްދޫ ރިސޯޓަށް ހަނީ މޫނަށް ގޮސް ތިބި ޖޮނަތަން އަދި އެމާ ގްރޭ މަރުވީ، އުމުރުން 23 އަހަރުގެ ފިލިޕް ދުއްވަން އިން "ކިންގް ކުއަޑް 700" ނަމަކަށް ކިޔާ ހަތަރު ފުރޮޅުލީ ވެހިކަލުގައި ތިން މީހުން އެކީ ދަނިކޮށް، މަގުގެ މެދުގައި ހުރި، ގަހެއްގައި ޖެހި، ހިނގި އެކްސިޑެންޓެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެކްސިޑެންޓުވި ވެހިކަލަކީ ރަޖިސްޓްރީކޮށްފައި ނުވާ ވެހިކަލެއް ކަމަށާއި ފިލިޕް އަތުގައި ލައިސެންސް ވެސް ނޯންނަ ކަމަށް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ބުނުމާ ގުޅިގެން، އެ ހަބަރު ބައިނަލް އަގުވާމީ މީޑިއާގައި ފެތުރި، ފިލިޕާ ދިމާއަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކުރެވިފައި އެވެ.

އެކަމާ ގުޅިގެން ފިލިޕްގެ އާއިލާގެ ފަރާތުން އޭނާގެ ބައްޕަ، އަދި ކުރެއްދޫ ރިސޯޓްގެ އެއް ހިއްސާދާރެއް ކަމުގައިވާ ލާސް ޕެޓްރޭ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އޭނާގެ ދަރިފުޅާމެދު ކުރެވޭ ތުހުމަތުތަކާ މެދު ވަރަށް ހިތާމަކުރައްވާ ކަމަށާއި ބައެއް މީޑިއާތަކުން ހަގީގަތް އޮޅޭ ގޮތަށް ހަބަރުފަތުރަމުން ގެންދާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.

އެގޮތުން އޭނާގެ ދަރިފުޅު އަތުގައި އެކްސިޑެންޓުވި ވެހިކަލް، ކިންގް ކުއަޑް 700، ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށާއި އެ ވެހިކަލަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވެހިކަލެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ވެހިކަލް އެކްސިޑެންޓުވީ އިނގިރޭސި ދެމަފަރިން ގޮވައިގެން އެމީހުން ތިބި ކޮޓަރި އަށް ދުއްވައިފައި ދަނިކޮށް، ވެހިކަލަށް މައްސަލަތަކެއް ދިމާވެ، ގަހެއްގައި ޖެހިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެކްސިޑެންޓުގައި ފިލިޕް ހޭނެތުނު ކަމަށާއި އޭނާ ހޭ އެރިއިރު ދެ ޓޫރިސްޓުން ވެސް ވެއްޓިފައި އޮތް ތަން ފެނުމުން އެހީ ހޯދަން އޭނާ ވަގުތުން ދިޔަ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

"އޭނާ ވަގުތުން އެހީ ހޯދަން ދިޔަ. އަދި ޑޮކްޓަރާ އެކު އެކްސިޑެންޓުވި ދެމަފިރިން ސަލާމަތްކުރަން މަސައްކަތްކުރި. އޭރު އޭނާގެ ހަށިގަނޑުން ދިޔައީ ލޭ ފައިބަމުން،" ލާސް ޕެޓްރޭ ވިދާޅުވެފައިވެ އެވެ.

އަދި އެކްސިޑެންޓުގައި މަރުވި ދެމަފިރިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ލާސް ޕެޓްރޭ ވިދާޅުވެފައި ވަނީ، އެކްސިޑެންޓުގެ ފަހަތުގައި "އެއްވެސް ނުބައި ނިޔަތެއް ނުވާ" ކަމަށެވެ. އަދި ފުލުހުން ކުރަމުންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގައި ޔަގީންކަން ވެސް ދީފައިވެ އެވެ.

"ހަގީގަތަކީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހު ހިނގި އެކްސިޑެންޓަކީ އަހަރެންގެ ދަރިފުޅަށް ވެސް އަދި އެކަކަށް ވެސް ބަދަލު ނުކުރެވޭނެ ހިތާމަވެރި ހާދިސާއެއްކަން،" ލާސް ޕެޓްރޭ ވިދާޅުވެފައިވެ އެވެ.

ކުރެއްދޫ އެކްސިޑެންޓު ތަހުގީގުކުރާ ފުލުހުންގެ ޓީމުގެ ހެޑް، އިންސްޕެކްޓަރު މުހައްމަދު ރިޔާޒް ވެސް މިރޭ ވިދާޅުވީ، އެކްސިޑެންޓުވި ވެހިކަލް ދުއްވުމުގެ ލައިސެންސް ފިލިޕް އަތުގައި އޮންނަ ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ގައުމުގެ ލައިސަންސެއް ކަމަށާއި ރާއްޖެ އެތެރެވުމަށް ފަހު 90 ދުވަސް ވަންދެން އެ ލައިސަންސް ބޭނުން ކުރެވޭނެ ކަމަށެވެ.

ނަމަވެސް، އެކްސިޑެންޓުވި ވެހިކަލުގެ ރަޖިސްޓްރީގައި މައްސަލަތަކެއް އެބަހުރި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގައި އެ ވެހިކަލް ރަޖިސްޓްރީކޮށްފައި ވަނީ މުދާއުފުލަން ބޭނުންކުރާ ޓްރެކްޓަރެއް ގޮތުގައި ސީވަން ކެޓަގަރީ ގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެފަދަ ވެހިކަލްތަކުގައި މީހުން އުފުލުމަކީ މަނާ ކަމެކެވެ.

އަދި ކިންގް ކުއަޑް 700 އަކީ ހަގީގަތުގައި މޮޓޯބައިކެއް ކަމަށާއި ރަޖިސްޓްރީކޮށްފައި އޮންނަން ޖެހޭނީ އޭވަން ކެޓަގަރީގައި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން، ރިސޯޓުން އެވެހިކަލް އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ވެސް ޓްރެކްޓަރެއް ގޮތުގައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް، ކަސްޓަމްސް އިން އެކަމަށް ހުއްދަ ނުދިނުމުން އެވެހިކަލް އެތެރެކޮށްފައި ވަނީ މޮޓޯ ބައިކެއްގެ ގޮތުގައި ކަމަށް ވެސް އިންސްޕެކްޓަރު ރިޔާޒް ވިދާޅުވި އެވެ.

"އެހެންވެ، މި މައްސަލަ ވެސް އަޅުގަނޑުމެން ބަލަމުން މި އަންނަނީ،" ރިޔާޒް ވިދާޅުވި އެވެ.

އެކްސިޑެންޓުވި ވެހިކަލް ދުއްވަން އިން ފިލިޕްގެ އާއިލާގެ ފަރާތުން މިއަދު ބަޔާން ނެރެފައި މިވަނީ އޭނާ އަށް އެކްސިޑެންޓުގައި ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދަން ބޭރަށް ގެންދަން ބޭނުންވެފައިވަނިކޮށް، ފިލިޕްގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން އެކަމަށް ހުރަސް އަޅާފައި ވަނިކޮށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ރާއްޖޭން ބޭރަށް ފުރިޔަ ނުދީ ފިލިޕްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ، މިހާތަނަށް ބެލި ބެލުމުން އޭނާގެ ފުރާނަ އަށް ގެއްލުންވާ ފަދަ އަނިޔާއެއް އޭނާގެ ކިބައިގައި ނެތުމުންނެވެ. އަދި ތަހުގީގު ފުރިހަމަކުރުމަށްޓަކައި އޭނާ ރާއްޖޭގައި ހުރުން މުހިންމު ކަމަށްވާތީ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި ފިލިޕްގެ އެއް ކިޑްނީ އަށް ގެއްލުން ލިބި ހޮސްޕިޓްގައި އެޑްމިޓް ކުރީ ކުޑަކަމުދާއިރު ލޭ އަންނާތީ އެވެ. ނަމަވެސް ހަފުތާ އަކަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.