18 Jan 2018, 11:39
ގާނޫނީ ވަކީލު މުހައްމަދު ހައްސާން އަހުމަދު ވަކާލާތު ކުރުމުން ސަސްޕެންޑް ކުރުމަށް ފަހު އޭނާގެ ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފި އެވެ.
ހައްސާން ވަކާލާތު ކުރުމުން ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. އޭނާ ސަސްޕެންޑް ކުރީ ކޯޓުތަކުގެ ހުރުމަތް ކެނޑިކަމަށް ބުނާ މައްސަލައެއް ބަލައި ނިމެންދެން ކަމަށް އޭރު ޖުޑިޝަރީން ވަނީ ބުނެފައެވެ.
ހައްސާނާ އެކު އޭރު 54 ވަކީލަކު ސަސްޕެންޑް ކުރި އެވެ. ނަމަވެސް ގިނަ ވަކީލުންނަށް، ސަސްޕެންޑް ކުރިތާ ދެ ހަފްތާ ތެރޭގައި ވަނީ ހުއްދަ ދީފައެވެ. އެނގިފައިވާ ގޮތުން ހުއްދަ އަލުން ދެނީ މާފަށް އެދި ސިޓީ ފޮނުވާ ވަކީލުންނަށެވެ.
ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ފަހު "ތައައްސަބުން އެއްކިބާވެ، އިންސާފު ގާއިމުކޮށްދެއްވާ" މި ލިޔުން ޖަހާފައިވާ ބެނާއެއް ހިފައިގެން ސުޕްރީމް ކޯޓު ބޭރުގައި އެތުރުނު ހާދިސާއަކަށް ފަހުއެވެ.