ވައިޓް ހައުސް(ޖަނަވަރީ 18): އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިޔާއިން ފަރުދާގެ އަނެއް ފަރާތުގައި މަސައްކަތް ކުރަމުން ގެންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކަނޑުވާލުމަށްޓަކައި ފަރުދާގެ އަނެއް ފަރާތުން ރަޝިޔާ މަސައްކަތް ކުރާކަމަށާއި އެކަމުގެ ސަބަބުން އުތުރުކޮރެޔާ އާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގައެވެ.

ޓްރަމްޕް، ރަޝިޔާގެ މައްޗަށް ކުރެއްވީ އުތުރުކޮރެޔާއަށް ގޭހާއި ތެލުގެ ބާވަތްތައް ފޯރުކޮށްދޭކަމުގެ ތުހުމަތެވެ. އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް ކޮންމެހެންވެސް ހުއްޓުވަންޖެހޭ ކަމަށާއި އެކަން ނުކުރެވިއްޖެނަމަ އެމެރިކާއަށް ނިއުކްލިޔަރ ހަމަލާދެވޭވަރުގެ ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ލަސްތަކެއް ނުވެ އުތުރުކޮރެޔާ އުފައްދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްވަނީ އުތުރުކޮރެޔާގެ މައްސަލާގައި ސީރިޔަސް ނޫންކަމުގެ ތުހުމަތު ޗައިނާގެ މައްޗަށްވެސް ކުރައްވާފައެވެ.

އުތުރުކޮރެޔާގެ މައްސަލަ ހައްލުކުރުމުގައި އެމެރިކާގެ ސިޔާސަތަކީ އެގައުމުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުން ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ މި މަގުސަދު ހާސިލް ކުރުމަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ދުނިޔޭގެ ބޮޑު ބާރެއްގެ ހައިސިއްޔަތުން ރަޝިޔާގެ އެއްބާރުލުން މިކަމުގައި ނުލިބޭނަމަ ބޭނުންވާ މިންވަރަށް އުތުރުކޮރެޔާ ފިއްތައިގެން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ މަގްސަދު ޙާސިލް ނުވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާ އިސްނަގައިގެން އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެގޮތުންނާއި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާ އިސްވެ އޮވެގެން ކެނެޑާގެ ވެންކުވަރގައި ބޭއްވި ބައްދަލުވުމަށް ރަޝިޔާ ވަނީ ފާޑުކިޔައިފައެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން އެބައްދަލުވުން ސިފަކުރީ އދ.ގެ ބާރުކަނޑުވާލުމުގެ ގޮތުން އެމެރިކާ ހިންގާ ހަރަކާތެއްގެ ގޮތުގައެވެ. އެބައްދަލުވުމުގައި ބައިވެރިވެފައިވަނީ އުތުރުކޮރެޔާއާ މެދު އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރާ ގައުމުތަކެވެ. ނަމަވެސް ވެންކޫވަރގެ ބައްދަލުވުމަކީ އުތުރުކޮރެޔާގެ ވެރިކަން ބަދަލުކުރުމާބެހޭގޮތުން ބޭއްވި ބައްދަލުވުމެއް ނޫންކަމަށް ކެނެޑާއިންވަނީ ބުނެފައެވެ.

ވެންކުވަރގެ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލަސަން ވިދާޅުވީ އުތުރުކޮރެޔާއަށް އޮތީ ހަތިޔާރު ނައްތާލުން ކަމަށާއި ނޫންނަމަ އަސްކަރީ ގޮތުން މައްސަލަ ހައްލުކުރަންޖެހޭ ހިސާބަށްވެސް މުސްތަގްބަލްގައި ކަންތައް ހިނގައިދާނެކަމަށް ޓިލަސަން ވިދާޅުވިއެވެ. އުތުރުކޮރެޔާގެ ހަތިޔާރުގެ ވާހަކަ ދައްކާއިރު އެމެރިކާއަކީ އެންމެ ގިނައިން ނިއުކްލިޔަރ ހަތިޔާރު އުފައްދާ ގައުމެވެ. އެމެރިކާއަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ހައްގު އޮވެފައި އުތުރުކޮރެޔާއަށް މިހައްގު ނޯންނަ ބައިނަލްއަގްވާމީ އުސޫލެއް އަދި ގާނޫނެއްވެސް ނޯވެއެވެ. (ނޫސްއެޖެންސީތައް)