18 Jan 2018, 10:02
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން އަހްމަދު ސަލީމް (މާޒް ސަލީމް) ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މާޒް ސަލީމް މަގާމުން ވަކިކޮށްފައި ވަނީ އިއްޔެ އެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މާޒް ސަލީމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕީޕީއެމްގައި ހުންނެވުމަށް ފަހު މާޒް ސަލީމް ވަނީ މީގެ ކުރިން ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ހަމަ އެއާ އެކު އޭނާ ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ޖޭޕީގެ ސްލޮޓެއްގައި ވާދަކޮށް ނާކާމިޔާބު ވަޑައިގެންފަ އެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީން ޕީޕީއެމްއާ ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިސް އެމްޑީޕީއާ އެކު މަސައްކަތް ކުރަން ފެށުމާ އެކު މާޒް ސަލީމް ވަނީ ޖޭޕީން ވަކިވެވަޑައިގެން ރައީސް ޔާމީނަށް ތާއީދުކުރައްވައި މަސައްކަތް ފައްޓަވައިފަ އެވެ. އަދި ދާދި ފަހަކާ ޖެހެންދެން ވެސް ސަލީމް ވަނީ ޕީޕީއެމުން 2018ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ދާދިފަހުން އއ. އަތޮޅަށް ކުރެއްވި، ރައީސް ޔާމީންގެ ކެމްޕޭން ދަތުރުފުޅެއްގައި ވެސް، ސަލީމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.