18 Jan 2018, 10:13
ވޯރލްޑް ކަޕް 1930 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރުގެ ނިޔަލަށް، މުބާރާތް ކާމިޔާބު ކުރާ ޓީމަށް ދެވޭ ތަށްޓަކީ "ޖޫލްސް ރީމޭ ޓްރޮފީ"ގެ ނަމުން ނަން ދެވުނު ތަށްޓެކެވެ. ތަށްޓަށް އެންމެ ފުރަތަމަ ކިޔުނު ނަމަކީ "ވިކްޓްރީ" އެވެ. ނަމަވެސް އެ ނަން ބަދަލުކޮށް، "ޖޫލްސް ރީމޭ ޓްރޮފީ" މި ނަން ދެވުނީ ވޯރލްޑް ކަޕްގެ ޚިޔާލު ފުރަތަމަ ހާމަ ކުރައްވައި، މުބާރާތް ބާއްވާން ފެށުމުގައި ފީފާގެ ރައީސްގެ ހައިޘިއްޔަތުން އިސް ދައުރެއް އަދާ ކުރެއްވި ޖޫލްސް ރީމޭގެ ޝަރަފުގައެވެ.
ޖޫލްސް ރީމޭ ތަށި ފަރުމާ ކުރީ ފަރަންސޭސި ވިލާތުގެ މަޝްހޫރު ސޫރަފަރުމާވެރިޔާ އޭބެލް ލެފްލިއަރއެވެ. ތަށި ހެދިފައި ވަނީ ލޮޔާ އެއް ކުރެވުނު ރިއްސާއި، ލެޕިސް ލަޒޫލީ ނުވަތަ ލާޒަވަރްދުގެ ނަން ދެވިފައިވާ ޖަވާހިރީ މައުދަނަކުން، ރަން ޕްލޭޓް ކޮށްގެންނެވެ. ތަށްޓަކީ ލާޒަވަރްދު ބުޑެއްގައި ބަހައްޓައިފައި ހުންނަ، ޤަދީމީ ގްރީކުންގެ ޚުރާފީ ކަލާނގެއެއް ކަމަށް ވާ ނައިކީގެ ސޫރައެކެވެ.

ބްރެޒިލް ލެޖެންޑް ޕެލޭ، ޖޫލްސް ރީމޭ ޓްރޮފީއާއެކު ---
ޖޫލްސް ރީމޭ ޓްރޮފީގެ ތާރީޚަކީ ވެސް ޝައުގުވެރި ކަންތައްތަކެއް ހިނގި ތާރީޚެކެވެ. 1939 ވަނަ އަހަރު ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ އިޓަލީގައި ތަށި ހުއްޓައެވެ. އެއީ 1938 ވަނަ އަހަރުގެ މުބާރާތް އިޓަލީ ކާމިޔާބު ކޮށްފައި ވާތީއެވެ. ހަނގުރާމަ ފެށުމަށް ފަހު، ޖަރުމަނުގެ ބާރުގެ ދަށަށް އިޓަލީ ދިޔުމުން، ޖަރުމަނުގެ ނާޒީން އެ ތަށި އަތުލައިފާނޭ ކަމަށް ބިރު އުފެދުނެވެ.
މި ބިރާ އެކު، އެއިރު ފީފާގެ ނާއިބު ރައީސް އަދި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އޮޓޮރީނޯ ބްރާސީ ހެއްދެވި ގޮތަކީ، ރޯމުގެ ބޭންކެއްގެ ވޯލްޓެއްގައި ރައްކާ ކުރެވިފައި ހުރި ތަށި ނަންގަވައި، ބޫޓު އަޅާ ބައު ފޮށްޓެއްގެ ތެރެއަށް ލައްވައިފައި އޭނާގެ ގޭގައި، އޭނާ އަވަހާރަފުޅު ލައްޕަވާ އެނދުގެ ތަންދޮށުގައި ބޭއްވެވީއެވެ. ނަސީބަކުން ހަނގުރާމަ ނިމުނު އިރު ވެސް ތަށްޓަށް އެއްވެސް ކަހަލަ ހަމަލާއެއް ނާދެއެވެ.
އިނގިރޭސި ވިލާތުގައި 1966 ވަނަ އަހަރު އޮތް މުބާރާތުގެ ހަތަރު މަހެއްހައި ދުވަސް ކުރީން، ލަންޑަނުގެ ވެސްޓްމިންސްޓަރ ސެންޓްރަލް ހޯލުގައި، އާންމުކޮށް ދައްކައިލުމަށްޓަކައި ޖޫލްސް ރީމޭ ތަށި ބެހެއްޓިފައި ހުއްޓައި، ވަގުންގެ ބަޔަކު ތަށި ގެންދިޔައެވެ. 20 މާރިޗުގައި ތަށި ގެއްލުނުތާ ހަތް ދުވަސް ފަހުން، ތަށި ފެނުނީ ދެކުނު ލަންޑަނުގެ އަޕަރ ނޯރވުޑްގެ އަވަށްގަނޑު ސަރަހައްދުގެ ބަގީޗާއެއްގައި، ނޫސް ކަރުދާސްގަނޑަކުން ޕާރުސަލް ކޮށްފައި ބާއްވައިފައި އޮއްވައެވެ. އެ ޕާރުސަލް ދެކެގެން، އަނގައިން އެ ޕާރުސަލް ނަގައިގެން އައީ "ޕިކްލްސް" ނަމަކަށް ކިޔުނު ކުއްތާއެކެވެ.

ވޯލްޑް ކަޕް 1998 ކާމިޔާބުކުރުމަށްފަހު ފްރާންސް ލެޖެންޑް ޒައިނުއްދީން ޒިދާން، ފީފާ ވޯލްޑް ކަޕް ޓްރޮފީ އުފުލާލަނީ ---
ބްރެޒިލުން 1970 ވަނަ އަހަރު، ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމާ ގުޅިގެން، ޖޫލްސް ރީމޭ ތަށި ބްރެޒިލަށް މިލްކު ވިއެވެ. އެއަށްފަހު، ބްރެޒިލުގެ ރިއޯ ޑި ޖެނެއިރޯގައި ހުންނަ "ބްރެޒިލިއަން ފުޓްބޯލް ފެޑެރޭޝަން"ގެ މައިމަރުކަޒުގެ އިދާރާގައި ތަށި ބެހެއްޓިފައި ހުއްޓައި، 1983 ވަނަ އަހަރު ވަނީ ވަގަށް ގެންދެވިފައެވެ. ދެވަނަ ފަހަރަށް ޖޫލްސް ރީމޭ ތަށި ވަގަށް ނެގިތާ އެތައް އަހަރެއް ވެފައި ވާ އިރު، އަދިއަދަށް ވެސް ތަށި ފެނިފައެއް ނުވެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ތަށި މިހާރު ވާނީ ވިރުވައިލެވިފައެވެ. އެއީ އޭގައި ހުރި ރަނުގެ ބޭނުމުގައެވެ. ތަށި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވުނު ހަތަރު މީހަކާ ދެކޮޅަށް ޣައިރުހާޒިރުގައި ތަހުގީގު ކުރެވި، ޝަރީއަތް ކުރެވި، އަދަބު ކަނޑައެޅިފައި ވެއެވެ. ނަމަވެސް އެ މީހުން ވެސް އަތުލައެއް ނުގަނެވެއެވެ.
ޖޫލްސް ރީމޭ ތަށި ގެއްލުމާ ގުޅިގެން، ފީފާގެ ފަރާތުން ވަނީ ތަށީގެ ނަކަލެއް އަލުން ތައްޔާރު ކުރުވައި، 1984 ވަނަ އަހަރު ބްރެޒިލަށް ދީފައެވެ.
ވޯރލްޑް ކަޕް 1974 ވަނަ އަހަރު ފެށިގެން ދެވޭ ތަށްޓަކީ "ފީފާ ވޯރލްޑް ކަޕް"ގެ ނަން ދެވިފައިވާ ތަށްޓެކެވެ. މި ތަށި ފަރުމާކުރީ އިޓަލީގެ ފަރުމާވެރިޔާ ސިލްވިއޯ ގެޒަނީގާއެވެ. އެއީ ފީފާއަށް ހުށަހެޅުނު ތަފާތު 53 ފަރުމާއެއްގެ ތެރެއިން، ހޮވުނު ފަރުމާއެވެ. 18 ކެރެޓް ރަނުން ހަދައި، މަލަކާއިތު ކިޔޭ ފެހި ޖަވާހިރީ މައުދަނަކުން ތިރީގައި ދެ ފަށަލައެއް ލެވިފައި ހުންނަ މި ތަށީގެ ބަރުދަނަކީ 6.18 ކިލޯއެވެ. ތަށީގެ އުސްމިނަކީ 36.5 ސެންޓިމީޓަރެވެ. ތަށީގެ ފުލުގެ ވަށަމިނަކީ 13 ސެންޓިމީޓަރެވެ. ތަށީގެ އެތެރެ ހުންނަނީ ހޮއިކޮށެވެ.
ފީފާގެ ގަވާއިދުތަކުގައި މިހާރު އޮންނަ ގޮތުން، އެއްވެސް ޓީމަކަށް ތަށި މިލްކެއް ނުވާނެއެވެ. އެހެންކަމުން، މުބާރާތް ކާމިޔާބު ކުރާ ޓީމަށް، ފައިނަލް މެޗަށް ފަހު ތަށި ހަވާލު ކުރުމަށް ފަހު، ފަހުން އަނެއްކާވެސް ތަށި ފީފާއިން އަތުލާނެއެވެ.