15 Aug 2011, 20:42
ސީޝެލްސްގައި ނިމިގެންދިޔަ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި ދިވެހި ކޮންޓިންޖެންޓުން ގެންގުޅުނު ތަކެތި މިއަދު ސީޝެލްސްގެ ސަރުކާރާއި ދިވެހި ކޮންޓިންޖެންޓުން ހަވާލުކޮށްފި އެވެ.
ގާތްގަނޑަކަށް ސާޅީސް ހާސް ދިވެހި ރުފިޔާގެ ތަކެތި ދިވެހި ކޮންޓިންޖެންޓްގެ ފަރާތުން ސީޝެލްސްގެ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަން މޫސާ ނާޝިދުއެވެ.
ސީޝެލްސްގެ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ ވިލެޖް މޭޔަރ މިސްޓާ ކޮލިން ކުއަޓްރޭ އެވެ.
އެތްލީޓްސް ވިލެޖްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަށްފަހު މޫސަ ވިދާޅުވީ ރާއްޖޭގެ ކޮންޓިންޖެންޓަށް ބޭނުންކުރި ފަންކާއާއި އަދި އެހެނިހެން ތަކެތި ހަވާލުކުރީ ސީޝެލްސްގެ ސަރުކާރުން ބަލަހައްޓަމުން ގެންދާ އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.
"ގާތްގަނޑަކަށް ސާޅީސް ހާސް ދިވެހި ރުފިޔާގެ ތަކެތި މިހަވާލުކުރީ ސަރުކާރުން ބަލަހައްޓަމުން ގެންދާ އުމުރުން ދުވަސްވީ މީހުންނަށް. މިއީ ދިވެހިންގެ ފަރާތުން އެފަރާތްތަކަށް ވެވުނު ވަރަށް ރަގަޅު އެހީތެރިކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." މޫސަ ވިދާޅުވި އެވެ.
މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން ހޯދި ކާމިޔާބީތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު ހަސަން ލަތީފް މިއަދު ވިދާޅުވެފައި ވާއިރު، ގޭމްސްގައި ރާއްޖެއިން ބައިވެރިވި ގިނަ ކުޅިވަރު ޓީމްތައް މިއަދު ވަނީ މާލެ އައިސްފައެވެ.
އެގޮތުން ގޭމްސްގައި ރާއްޖޭން މެޑަލް ހޯދި އެތުލީޓުންނަށް މިއަދު ހޫނު މަރުހަބާއެއް ކިޔާފައި ވާއިރު، ރާއްޖޭގެ ކޮންޓިންޖެންޓަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުން މަރުހަބާ ދެންނެވީ ކުޅިވަރާ ބެހޭ ވަޒީރު ހަސަން ލަތީފާއި އޮލިމްޕިކް ކޮމެޓީގެ ރައީސް އިބްރާހިމް އިސްމާއިލް އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނެވެ. އެތުލީޓުން ވީއައިޕީ ލޯންޖުން ދޯންޏާ ހަމަޔަށް ދިޔައިރު ބޮޑުބެރުގެ އައިޓަމްތަކެއް ވެސް ކުރިއަށް ދިޔަ އެވެ.
މި ފަހަރު ޓީޓީގެ ސިންގަލްސް އިވެންޓުން މުއީނާ މުހައްމަދު ރިހި މެޑަލް ހޯދިއިރު ފާތިމަތު ޖުމާނާ ނިމާލް ލޯ މެޑަލް ހޯދި އެވެ. ބެޑްމިންޓަނުގެ ސިންގަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދު ލޯ މެޑަލް ހޯދިއިރު މުހައްމަދު ނަޝްފާން އަދި ނަޝީއު ޝަރަފުއްދީނުގެ ޕެއާ ވަނީ ޑަބަލްސް އިން ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޓީމު އިވެންޓުން ވެސް ބެޑްމިންޓަނުން ލޯ މެޑަލް ހޯދި އެވެ.
ބެޑްމިންޓަނުން ވަނީ މީގެ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރިހި މެޑަލާ ލޯ މެޑަލް ވެސް ހޯދައިފަ އެވެ.
ޓީޓީ އާއި ބެޑްމިންޓަން ޓީމުގެ އިތުރުން ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އަދި އެތުލެޓިކްސް ޓީމު މިއަދު ވަނީ މާލެ އައިސްފަ އެވެ. ފުޓްބޯޅަ ޓީމު ވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އައިސްފަ އެވެ.