ދިއްލީ(ޖެނުއަރީ 18): އިންޑިއާގެ ދިއްލީގައި ހުންނަ ސަރުކާރު ސްކޫލުތަކުގައި ސީސީޓީވީ ހަރުކޮށް، ކްލާސްރޫމްގައި ހިނގަމުންދާ ކަންތައްތައް ވަގުތުން ބެލެނިވެރިންނަށް ބެލޭނެ ގޮތް ހަދާނެ ކަމަށް ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވެއްޖެ އެވެ.

ކެޖްރިވާލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން މަސް ތެރޭ ދިއްލީގެ ހުރިހާ، ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި ސީސީޓީވީ ހަރުކުރެވޭނެ އެވެ. އަދި މޮބައިލް ފޯން އެޕެއް މެދުވެރިކޮށް ކްލާސްރޫމް ބެލުމުގެ ހުއްދަ ހުރިހާ ބެލެނިވެރިންނަށް ދޭނެ ކަމަށާއި އޭގެ ސަބަބުން ސްކޫލުތައް އިތުރަށް ޒިންމާދާރުވެ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ކެޖްރިވާލް ވިދާޅުވި އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އެފަދައިން ވިދާޅުވީ އެސިޓީގެ ބައެއް ސްކޫލުތަކުގައި ދަރިވަރުންނަށް ނުރައްކާތެރި ހަމަލާތަކެއް ދިން ފަހުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ދިއްލީ ކައިރީ ހުންނަ ސްކޫލެއްގެ ފާހާނާއިން ވަނީ ކަރު ބުރިކޮށް މަރާލާފައިވާ ހަތް އަހަރުގެ ފިރިހެން ކުއްޖަކު ފެނިފައެވެ. އެމައްސަލައިގައި ފުލުހުން ވަނީ އެސްކޫލުގައި ކިޔަވަމުން ދިޔަ 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައެވެ.

އަދި އެ ފިރިހެން ކުއްޖާ މަރާލިތާ ފަސް ދުވަސް ފަހުން ދިއްލީގެ ސްކޫލެއްގައި ވަނީ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައެވެ. (ބީބީސީ)