ސަޔަކީ މީހާގެ މެންޓަލް ކްލެރިޓީ (ކިޔުންތެރިކަމުގައި ހުންނަ ގާބިލުކަމެއް) ރަނގަޅުކޮށްދީ، ކްރިއޭޓިވް މީހަކަށް ހަދާ އެއްޗެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސައިގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރު ސައިޖޯޑު ހުސްވާތާ ކުޑަ އިރުކޮޅެއްގެ ތެރޭ ކުރަންފަށާ ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ. ފުޑް ކޮލެޓީ އެންޑް ޕްރެފަރެންސް ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ ޔުނިވާސިޓީއަކުންނެވެ.

ދިރާސާގައި ބައިވެރިވީ އުމުރުން 23 އަހަރުގެ 50 މީހުންނެވެ. އެ 50 މީހުންނަށް ދެ ޓާސްކެއް ހަވާލުކުރި އެވެ. ދެ ގުރޫޕަކަށް ބަހާލައިގެން އެއްބަޔަކަށް ދިނީ ކަޅު ސައި ޖޯޑެކެވެ. އަނެއް ބަޔަކަށް ފެން ތައްޓެކެވެ.

ދެން ހަވާލުކުރި ޓާސްކަކީ ބްލޮކްސް ބޭނުންކޮށްގެން ރީތި "އެއްޗެއް" ހެދުމެވެ. އަދި ހިޔާލީ ރެސްޓޯރެންޓަކަށް ކިޔާނެ ނަމެއް ކަނޑައެޅުމެވެ. އެ ދެ ޓެސްޓުގައި ވެސް ސައި ބުއި ކުދިން ވަނީ ފެން ބުއި ކުދިންނަށް ވުރެ މަތިން ސްކޯ ކޮށްފަ އެވެ. އެކުދިންނަށް ޖަޖު ކުރީ ދިރާސާގެ ޓެސްޓުގައި ބައިވެރިނުވާ ހަމަ އެ އުމުރުގެ ޒުވާން ކުދިންކޮޅެކެވެ.

ދިރާސާގައި ބުނެފައި ވަނީ ސައި ބުއިމުގެ ސަބަބުން ކްރިއޭޓިވްޓީ ލެވެލް އިތުރުވާ ކަމަށެވެ. މީގެ އިތުރުން ފާހަގަކޮށްފައިވާ އަނެއް ކަމަކީ ދިރާސާގެ ބައިވެރިން ބުއި ކުޑަ ސައިފޮދެއް ކަމަށާއި އޭގެ ސަބަބުން އެހާ ގިނައިރު އޭގެ އަސަރު ދެމިނުހުރެދާނެ ކަމަށެވެ.

(ޓެލެގްރާފް/އިންޑިޕެންޑެންޓް)