19 Jan 2018, 10:50
ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. ހަމައެކަނި ދެޓީމަށް ބަހާލައިގެން ކުޅެލާ މެޗަކަށްވުރެ މާނަ ފުން، ގިނަބައެއްގެ ދިރިއުޅުމުގެ ބައެކެވެ. ގިނަ މޫނުތަކަކަށް ހިނިތުންވުން ގެނެސްދޭ ބައިވެރިއެކެވެ. ވަކި ނަސްލެއް، އަސްލެއް ބެލުމެއްނެތި ޝާމިލްކޮށްދޭ އާއިލާއެކެވެ.
ފުޓުބޯޅައިގެ ވިއުގައިގެ ތެރެއިން އެތައްބައެއްގެ ހުވަފެންތައް ހަގީގަތަކަށްވެ، ދިރިއުޅުމަށް މާނަ ގެނެސްދެއެވެ. ބްރެޒިލްގެ ރިއޯ ޑިޖެނެރޯގައި ފައިވް އެސައިޑް ޓީމެއް ހަދައިގެން ކުޅެމުންދާ ޓީމަކީ ފުޓުބޯޅައިގެ ތެރެއިން ހާއްސަކަން ހޯދާފައިވާ ޓީމެކެވެ.
ލޯފަން ކުދިންތަކެއް އެކުވެ، ޕްރޮފެޝަނަލް ޓީމެއް ހަދައި، ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގެ ރަން މެޑަލް ކަރުގައި އަޅާލުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިޓީމުވަނީ އިންޓަނޭޝަނަލް ބްލައިންޑް ސްޕޯޓްސް ފެޑަރޭޝަންގެ މުބާރާތުގެ ރަން މެޑަލް ތިންފަހަރު ހޯދައި ޕެރަ އޮލިމްޕިކްސް މުބާރާތުގެ ރަން މެޑަލަލްވެސް ކަރަށް މާހާލައިފައެވެ.

އިންޓަނޭޝަނަލް ބްލައިންޑް ސްޕޯޓްސް ފެޑަރޭޝަންގެ މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރަށް ހޯދި ޓީމު --- ފޮޓޯ/ ގެޓީ
ލޯފަން ކުއްޖެއް ފުޓުބޯޅައިގެ އެންމެ އުހަށް ގޮސް، ޕްރޮފެޝަނަލް ފުޓުބޯޅައިގެ މައިދާނަށް ނުކުތުމަކީ އެތަކެއް ހަޖޫ ޖެހުމަކާއި އެތަކެއް ފުރައްސާރައަކާ ކުރިމަލާން ޖެހުނު ކަމެއް ކަމަށް ޓީމުގެ ބައިވެރިން ބުނެއެވެ. އެހެން ނަމަވެސް އެކުދިންގެ ދިރި އުޅުމުގައި ތަސްވީރު ކުރަހައިދިނީ ފުޓުބޯޅައެވެ. ފުޓުބޯޅައަށް ހުރި ލޯބި، ލޮލަށް ނުފެނުނަސް ހިތުގައި ބަބުޅައެވެ. އެހާވެސް ފުޓުބޯޅައަށް ދޭ ގަދަރު ބޮޑެވެ.
އެކުދިންގެ ކާމިޔާބީއާއެކު ދުނިޔޭގެ ލޯތައް އެދިމާއަށް އަމާޒުވިއެވެ. ފުޓުބޯޅައަށް ހުރި ލޯތްބާއި، ޓީމުގެ ހިތްވަރު ފީފާއާއި އެ އިދާރާގެ އެންމެ ދުވަސްވީ އެއް ސްޕޮންސަރު ކޮކާކޯލާގެ ލޮލުގައިވެސް އަޅައިގަތެވެ. ކުދިންގެ ހާއްސަކަން އެކުދިންނަށް އިހުސާސް ކޮށްދިނުމުގެ މަގުސަދުގައި ފީފާއިން އެ އިދާރާގެ ގަވާއިދާ އުސޫލުތަކުން ބޭރަށް ޖެހިލިއެވެ. ހަމަ އެންމެ ފަހަރަކަށް ފީފާއާއި ކޮކާކޯލާއިން އިންސާނިއްޔަތަށްޓަކައި ވޯލްޑް ކަޕު ތަށީގެ އަތްލުމުގެ ގަވާއިދު ބަދަލުކޮށްލީ، އެތައް ބައެއްގެ ހިތްވަރު ކަމަށްވާ ބްރެޒިލް ލޯފަން ޓީމަށް އެންމެ މުނާސަބު ހަދިޔާ ދިނުމަށެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މަގާމަކީ ދުނިޔޭގެ ޗެމްޕިއަނުންގެ މަގާމެވެ. ވޯލްޑް ކަޕުގެ ތަށި އުފުލައިލުމެވެ. ދުނިޔޭގެ ފުޓުބޯޅައިގައި ހަތަރު އަހަރު ރަސްކަން ކޮށްލުމެވެ.

ވޭތުވެދިޔަ އަހަރު ފީފާ ވޯލްޑް ކަޕު ތަށި އުފުލާލި ޖަރުމަނުގެ ފޯވާޑް މުލާ ވޯލްޑް ކަޕު ތަށްޓާއެކު --- ފޮޓޯ/ ގެޓީ
ވޯލްޑް ކަޕަށް ދެވިފައިވާ ގަދަރަކީ ވޯލްޑް ކަޕުގެ ތަށްޓަށް ދެވޭ އިހުތިރާމްގެ އަސްލެވެ. ވޯލްޑް ކަޕު ތަށްޓަކީ އެތަށި ހޯދާ ޓީމުގައި ހިމެނޭ ކުޅުންތެރިއެއް، މެމްބަރެއް ނުވަތަ ގައުމެއްގެ ރައީސެއް ފިޔަވާ އެއްވެސް މީހަކަށް އަތްލެވޭ ތަށްޓެއް ނޫނެވެ. ފީފާގެ ހަރުކަށި އުސޫލުގެ ސަބަބުން ތަށްޓަށް ދެވޭ ލޯތްބަކީ ދުނިޔޭގައި ވަރަށް ބޮޑު ލޯތްބެކެވެ.
ލޯފަން ކުދިންތަކަކަށް ފީފާ ވޯލްޑް ކަޕު ތަށި ތަސައްވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ ތަށީގައި އަތްލައިގެން ކަމަށްވުމާއެކު ފީފާ އަދި ކޮކާކޯލާއިން ހިންގީ ހާއްސަ އޮޕަރޭޝަނެކެވެ. މީޑިއާގެ ޝައުގުވެރިކަން ނާންނަފަދަ ގޮތަކަށް އެކުދިންނަށް ފީފާގެ ތަށީގައި އަތްޖަހާލުމުގެ ފުރުސަތު ދިނީ އެއްފަހަރެއްގެ ކަމަކަށް ހަދާފައެވެ.

ބްރެޒިލްގެ ލޯފަން ޓީމު ވޯލްޑް ކަޕު ތަށްޓާއެކު --- ފޮޓޯ/ ކޮކާކޯލާ
އެކުދިން ގާތު ފީފާ ވޯލްޑް ކަޕުގެ ތަށިކަން ނުބުނެ އިހުސާސްކޮށްލަން ދިން މަންޒަރު ކޮކާކޯލާގެ ހާއްސަ ކެމެރާމަނަކު ވީޑިއޯ ކޮށްފައިވާއިރު، ދެތިން ކުއްޖަކު އައްޖަހާލުމަށްފަހު އެކުދިންނަށް އެއީ ވޯލްޑް ކަޕުގެ ޓްރޮފީކަން އެނގުނެވެ. އެހިސާބުން ކުދިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އޮހުނެވެ. އަސަރުން ފުރިގެންދިޔަ ދަނޑިވަޅުގައި ބަލަންތިބި ކެމެރާމަނުންނާ، އެސިސްޓެންޓުން އަދި ސެކިއުރިޓީންނަށްވެސް ކަރުނަ ނުހިފެހެއްޓުނެވެ.
ފީފާ ވޯލްޑް ކަޕުގެ ތަށްޓަކީ ހަމައެކަނި ބަރުދަނުގައި 6.1 ކިލޯ ހުންނަ 18 ކެރެޓް ރަނެއް ނޫނެވެ. އެއަށްވުރެ ބޮޑު ޖާދުލެއް ގެނެސްދޭ ތަށްޓެކެވެ. ވޯލްޑް ކަޕުން މޮޅު ނުވެ އެ ތަށީގައި އަތް ޖައްސާލުމަކީވެސް ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހެއްގެ ހަގީގީ ހުވެފެނެވެ. ރާއްޖެއަށް މިމަހު 24 ވަނަ ދުވަހު ތަށި ގެންނައިރު، ތަށީގައި އަތް ނުޖެހުނަސް ތަށި ހަމަ ލޮލުން ބަލާލައި ފޮޓޮ ނަގަން ތައްޔާރުވެލާށެވެ.