ދުނިޔޭގެ އެކި ކަންކޮޅުތަކަށް 2006 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގެ ކުރިން، ކޮކާ ކޯލާގެ އިސްނެގުމާއެކު "ވޯލްޑް ކަޕް ޓްރޮފީ ޓުއާ"ގެ ނަމުގައި ދަތުރުތަކެއް ކުރެއެވެ. ވޯލްޑް ކަޕްގެ ހާއްސަ ޓްރޮފީ، އެކި ގައުމުތަކަށް ގެންގޮސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. މުޅި ދުނިޔެއަށް ވޯލްޑް ކަޕްގެ ފޯރި ގެނުވައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއާ ގުޅިގެން ކޮކާ ކޯލާއިން ކުރާ އެ ދަތުރުތަކަށް ބޭނުންކުރަނީ ވަކި ހާއްސަ ފްލައިޓެކެވެ. އެ ފަހަރެއްގެ ވޯލްޑް ކަޕަށް ހާއްސަ ޑިޒައިންތައް އެ ފްލައިޓުން ފެނެއެވެ. ކޮންމެ ފަހަރަކު ވެސް ފްލައިޓް ފެންނަނީ ވަރަށް ކުލަގަދަކޮށެވެ.

ވޯލްޑް ކަޕް ޓްރޮފީ ޓުއާގެ ދަތުރުތަކުގައި ބޭނުންކުރާ ފްލައިޓް ---

ދަތުރުގައި ބޭނުންކުރާ ކުލަގަދަ ފްލައިޓަކީ 6.5 ގަޑިއިރު ނުވަތަ 3000 މޭލަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ފްލައިޓެކެވެ. އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕް 2014ގެ ކުރިން ބޭނުންކުރި ފްލައިޓު ފެނިގެންދިޔައީ އެ މުބާރާތް ބޭއްވި ބްރެޒިލްގެ ކުލަތަކުގެ އިތުރުން ކޮކާ ކޯލާގެ ރަސްމީ ކުލަ، ރަތް ކުލައިންނެވެ.

ރަޝިއާގައި މިއަހަރު ބާއްވާ ވޯލްޑް ކަޕްގެ ކުރިން ޓްރޮފީއާއެކު ކުރާ ދަތުރުތަކަށް ބޭނުންކުރާ ފްލައިޓު ފެނިގެންދާނެ ޑިޒައިނެއް ކެމެރާތަކުގެ ލެންސަށް އަދި އަރާފައެއް ނުވެއެވެ. ކޮންމެ ފަހަރަކު ވެސް ފްލައިޓުގެ ކުލައާއި ޑިޒައިނަށް ބަދަލުތަކެއް ގެނައި ނަމަވެސް، ކޮންމެ ފަހަރަކުވެސް ބޭނުންކުރަނީ އެއް ފްލައިޓެކެވެ. އެ ފްލައިޓަކީ މެކް ޑޮނެލް ޑުގްލަސް ޑީސީ 9 މަރުކާގެ ފްލައިޓެކެވެ.

އެ ފްލައިޓުގައި ތިން ޕައިލެޓުންނާއި، ތިން ފްލައިޓް އެޓެންޑެންޓުންނާއި، ފްލައިޓް މެކޭނިކަކާއި، ޑޮކްޓަރެއް އަދި ފްލައިޓް ކޯޑިނޭޓަރެއް މަސައްކަތުގައި އުޅެއެވެ. ކޮންމެ ތިން ހަފްތާ ނުވަތަ ހަތަރު ހަފްތާއަކުން ފްލައިޓުގެ ކްރޫއަށް ބަދަލުތައް ގެނެއެވެ. އެ މުވައްޒަފުންގެ މަސައްކަތަކީ ޓްރޮފީ ގެންދަން ޖެހޭ މަންޒިލަށް ތާވަލުކޮށްފައިވާ ވަގުތުތަކަށް ދިއުމެވެ.

ވޯލްޑް ކަޕް ޓްރޮފީ ޓުއާގެ ދަތުރުތަކުގައި ބޭނުންކުރާ ފްލައިޓް ---

ފްލައިޓުގައި ކޮކާ ކޯލާގެ ފަރާތުން މީހަކާއި، ފީފާ އަދި ސަޕޯޓިން އެޖެންސީތަކާއި، މީޑިއާއާއި، ކެމެރާ ކްރޫއަކާއި، ކޮކާ ކޯލާ ބްލޮގަރު/ ފޮޓޯގްރާފަރު ޖޯލް ރޮބިސަން އަދި ސެކިއުރިޓީ ޓީމެއް ދަތުރުކުރާނެއެވެ. އެ ޓީމަށް 24 ޖާގަ ފްލައިޓުން ދޭ އިރު، މެހެމާނުންގެ ގޮތުގައި ދަތުރުކުރެވޭނީ 16 މީހުންނަށެވެ. އެއީ 40 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓެކެވެ.

ދަތުރުތަކުގައި ވޯލްޑް ކަޕް ޓްރޮފީ ބަހައްޓާފައި ހުންނަނީ އެކަމަށް ހާއްސަ ކޮށްފައިވާ ތަނެއްގައި ވަރުގަދަ ސެކިއުރިޓީއާއެކުއެވެ. ނޫސްވެރިންގެ ބައްދަލުވުންތަކާއި ސަރުކާރު އޮފިޝަލުން އަދި ވީއައިޕީގެ ބައްދަލުވުންތަކަށް ޓްރޮފީ ބަހައްޓާފައި ހުންނަނީ ފްލައިޓުގެ ކުރީކޮޅުގެ ބައެއް ގޮނޑިތައް ނަގައި، ޖާގަ ހެދުމަށްފަހުއެވެ. އެތަނަށް ހާޒިރުވާ މީހުންގެ ތެރެއިން ވެސް ޓްރޮފީގައި އަތްލެވޭނީ ހަމައެކަނި ގައުމުތަކުގެ އެންމެ މަތީ ވެރިޔާއާއި ކުރިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ސްކޮޑުގެ ކުޅުންތެރިއެއް ނުވަތަ އޮފިޝަލަކަށެވެ.