ރޮނާލްޑޯއަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއް ކަމަށާއި، އޭނާއާ ނުލާ ރެއާލް މެޑްރިޑްގެ ކުރިމަގު ތަސައްވަރު ނުކުރެވޭ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލް މެޑްރިޑާ ގުޅުނުފަހުން މި ސީޒަނަކީ ރޮނާލްޑޯއަށް އެންމެ ދަށްކޮށްދާ ސީޒަނެވެ. ލަލީގައިގައި މިހާތަނަށް އޭނާ ކުޅުނު 14 މެޗުން ކާމިޔާބުކުރެވުނީ ހަތަރު ގޯލެވެ. ރޮނާލްޑޯގެ ދަށް ފޯމާއެކު މީޑިއާތަކުގައި އަޑުފެތުރިފައިވަނީ އޭނާ ރެއާލް ދޫކޮށްލަން ބޭނުންވާ ކަމަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން އޭނާ ހޯދަން މަސައްކަތްތަކެއް ކުރާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯގެ ހިތްހަމަ ނުޖެހުންތަކެއް އުޅޭތޯ ސުވާލުކުރުމުން ރެއާލްގެ ކޯޗު ޒިދާން ބުނެފައިވަނީ ރޮނާލްޑޯއާ ނުލައި ރެއާލް އޭނާއަށް ތަސައްވަރު ނުކުރެވޭ ކަމަށެވެ. ޒިދާން ބުނީ ދެ ޓީމެއްގެ ދޭތެރޭގައި ނުވަތަ ޓީމަކާއި ރޮނާލްޑޯގެ އޭޖެންޓާ ދޭތެރޭ ދެކެވޭ ވާހަކައަށް އޭނާ ސަމާލުކަން ނުދޭނެ ކަމަށާއި، އޭނާ ސަމާލުކަން ދޭނީ ރޮނާލްޑޯގެ ކުޅުމަށް ކަމަށެވެ.

ޒިދާން އިތުރަށް ބުނީ ރޮނާލްޑޯ މިވަގުތު ހުރީ އޭނާއަށް ހުރުން އެންމެ ހައްގު ކްލަބުގައި ކަމަށާއި، ރޮނާލްޑޯއަކީ ރެއާލް މެޑްރިޑްގެ މުހިއްމު ބައެއް ކަމަށެވެ.

ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2009 ވަނަ އަހަރު ރެއާލްއާ ގުޅުނީ 80 މިލިއަން ޕައުންޑުގެ ރެކޯޑު އަގަކަށެވެ. އޭނާވަނީ ރެއާލަށް ކުޅެދިން 418 މެޗުން 422 ގޯލް އެޓީމަށް ކާމިޔާބުކޮށްދީ ކެރިއަރުގައި ފަސް ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

ޒިދާނާއެކު ވޭތުވެދިޔަ ދެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ރެއާލަށް މިހާރުވެސް ވަނީ ލަލީގާގެ އުންމީދު ކުޑަވެފައެވެ. އެޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ 19 ޕޮއިންޓްގެ ފަރަގެއްގައި ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.