15 Aug 2011, 16:15
ލަންޑަން (އޮގަސްޓް15) : އިނގިރޭސިވިލާތުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އިނގިރޭސި ސަރުކާރުން އެމެރިކާގެ ތަޖްރިބާކާރެއްގެ އެހީ ހޯދާފައިވާތީ ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ކެމެރޮންއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ޕާޓީ ކަމަށްވާ ކޮންޒަވެޓިވް ޕާޓީގެ ތެރެއިންނެވެ. މީގެއިތުރުން އިނގިރޭސި މީޑިޔާއިންނާއި އިނގިރޭސި ފުލުހުންގެ ބައެއް ތަޖްރިބާކާރުންވެސް ކެމެރޮންއަށް ފާޑުކިޔާފައިވެއެވެ.
އިނގިރޭސި ފުލުހުންގެ ބައެއް އިސްވެރިން ވިދާޅުވީ އަމިއްލަޤައުމުގެ ތަޖްރިބާކާރުންގެ ލަފާ ކެމެރޮން ބޭނުންކުރެއްވިނަމަ ނަތީޖާ މާރަނގަޅުވާނެ ކަމުގައެވެ. އަދި އެމެރިކާގެ ތަޖްރިބާކާރުންނަށް އިނގިރޭސިވިލާތުގެ ކަންތައްތައް ފުރިހަމައަށް އެނގޭނެކަމާމެދު ޝައްކުކަމަށް އިނގިރޭސި ފުލުހުންގެ ތަޖްރިބާކާރެއް ކަމަށްވާ ހިޔު އޯރޑީ ވިދާޅުވިއެވެ. އަދި އިނގިރޭސިފުލުހުންގެ ބައެއް އިސްވެރިންވަނީ އެމެރިކާގެ ތަޖްރިބާކާރު ކެމެރޮންއަށް ދެއްވި ލަފާގެ ޤާބިލްކަމާމެދު ވެސް ސުވާލު އުފައްދާފައެވެ.
އިނގިރޭސި ބައެއް ނޫސްތަކުން ވަނީ މިފަދަ ކަމެއްގައި އެމެރިކާގެ ތަޖްރިބާކާރުން ގެ އެހީ ހޯދާ ހިސާބަށް އިނގިރޭސިވިލާތް ދިޔުމަކީ ލަދުވެތިކަމެއް ކަމަށް ސިފަކޮށްފައެވެ. އިނގިރޭސިވިލާތުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާގެ ތަޖްރިބާކާރެއް ކަމަށްވާ ވިލިޔަމް ބްރާޓޮން ގެ ފަންނީ ލަފާ ކެމެރޮން ހޯއްދެވި ކަމަށް ވެއެވެ. މިމައްސަލާގައި ކުރިމަތިވެވަޑައިގެންނެވި ފާޑުކިޔުންތަކަށް ކެމެރޮން މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. (އަލްޖަޒީރާ)