18 Jan 2018, 09:07
އާސެނަލް ދޫކޮށް އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ތިއޯ ވޮލްކޮޓު އެވަޓަންއާ ގުޅިއްޖެއެވެ.
މި ހިނގާ ޓްރާންސްފާ ސީޒަންގައި އާސެނަލްގައި ގިނަ ދުވަސްތަކެއް ހޭދަކުރި ފްރާންސިސް ކޮކޮލާންވެސް ސްޕެނިޝް ލީގުގެ ވެލެންސިއާއަށް ގޮސްފައިވާއިރު، އެޓީމުގެ ތަރި އެލެކްސިސް ސަންޗޭޒްވެސް އާސެނަލް ދޫކޮށްލަން އުޅޭކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. ސަންޗޭޒްއާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ޓެލެގްރާފުންވަނީ ރިޕޯޓުކޮށްފައެވެ.
ވޮލްކޮޓް އާސެނަލް ދޫކޮށްލާފައި މިވަނީ 12 އަހަރު އެ ކްލަބުގައި ހޭދަކުރުމަށް ފަހުއެވެ. 2006 ވަނަ އަހަރު އުމުރުން 16 އަހަރުގައި ސައުތްހޭމްޓަންއިން އާސެނަލްއަށް ސޮއިކުރިފަހުން އޭނާވަނީ އެޓީމަށް 397 މެޗު ކުޅެ 108 ގޯލް ޖަހައިފައެވެ.
ވޮލްކޮޓްވަނީ އާސެނަލްއާއެކު 2015 އަދި 2017 ވަނަ އަހަރުގެ އެފްއޭކަޕުވެސް އުފުލާލައިފައެވެ. މީގެ އިތުރުން ވޮލްކޮޓްވަނީ އިނގިރޭސި ގައުމީ ޓީމަށް 47 މެޗު ކުޅެދީ އަށް ގޯލް ޖަހައިދީފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވޮލްކޮޓް އެވަޓަންއަށް ބަދަލުވި މައިގަނޑު މަގުސަދަކީ ފުރަތަމަ 11 އިން ޖާގަ ހޯދުމެވެ. އަންނަ ވޯލްޑް ކަޕަށް އިނގިރޭސި ގައުމީ ޓީމުގެ ސުކޮޑު އެކުލަވާލުމަށް ވަގުތު ކުޑަތަންވަމުންދާއިރު، އިނގިރޭސި ގައުމީ ސުކޮޑުގައި ހިމެނުމަށް ވޮލްކޮޓް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.