18 Jan 2018, 09:00
ފިލްމު 'ޑިޓެކްޓިވް ނާނީ' އިން ފެނިގެން ދިޔަ ބޮލީވުޑް ވެޓެރަން އެކްޓަރު އާވާ މުކަރްޖީ މަރުވެއްޖެ އެވެ.
އާވާ މަރުވީ މިދިޔަ ހޯމަ ދުވަހު މުމްބާއީގައެވެ. މަރުވި އިރު އުމުރަކީ 88 އަހަރެވެ.
އާވާ އަކީ އިންޑިއާގެ އެޑްވަޓައިޒްމަންޓް އިންޑަސްޓްރީގައި މަޝްހޫރު މޫނެކެވެ. އޭނާ އަކީ އިޝްތިހާރު ތަކާއި ފިލްމުތަކުގައި މާމަގެ ރޯލުތައް ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދި ފަންނާނެވެ.
އާވާ ފިލްމީ ދާއިރާއަށް ނުކުތީ 1963 ވަނަ އަހަރު ރިލީޒް ކުރި ބެންގޯލީ ފިލްމު 'ރާމް ދައްކާ' އިންނެވެ. ހިންދީ ފިލްމަކުން އޭނާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2000 ވަނަ އަހަރު އެވެ.
އެއަށްފަހު ދެން އާވާ ފެނިގެން ދިޔައީ އޭނާގެ ކެރިއަރުގައި ކުޅުނު އެންމެ ފާހަގަ ކޮށްލެވޭ ރޯލުންނެވެ. އެއީ 2002 ވަނަ އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު 'ދޭވްދާސް' އިންނެވެ.
ޝާހްރުކް ޚާން ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމުގައި އާވާ ފެނިގެން ދިޔައީ ޝާހުގެ މާމަގެ ރޯލުންނެވެ. އެއާއެކު ބެލުންތެރިންގެ މެދުގައި އާވާގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.
އެއަށްފަހު ރާމް ގޯޕާލް ވަރްމާގެ ފިލްމު 'ޑަރްނާ ޒަރޫރީ ހޭ' އަދި 2009 ވަނަ އަހަރު ނުކުތް ފިލްމު 'ޑިޓެކްޓިވް ނާނީ' ގައި ލީޑު ރޯލުން ފެނިގެން ދިޔައެވެ.