މީހަކާ ކައިވެނިކޮށްފިނަމަ ދެ މީހުން އެއްކޮށް މަރާލާނެކަމަށް ކަމަށް ނުނެ ކުރީގެ އަނބިމީހާއަށް މަރުގެ އިންޒާރުދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުރީގެ އަނބިމީހާއަށް މަރުގެ އިންޒާރު ދިނުމުން ހަ މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ކ. ގުރައިދޫ މީހަކަށެވެ. އޭނާގެ މައްޗަށް ބިރު ދެއްކިކަމުގެ ކުށް ސާބިތުވެފައިވާކަމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ އިންޒާރު ދިން މީހާ ކުރީގެ އަނބިމީހާ ދިރިއުޅޭ ގެއަށް ވަދެ ޒުވާބުކުރަން ފެށުމުން ގެއިން ނެރެލާފައިވާ ކަމަށާއި މަގުމަތީގައި ޒުވާބުކުރަމުން ގޮސް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.