ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހުރިހާ ރިސޯޓުތަކަކަށް ކޯޓު އަމުރަކާ އެކު ކަސްޓަމްސްގެ އޮފިސަރުން ގޮސް ބަލައި ފާސްކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަނެއްގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ހިމެނޭ ޓީމްތަކުން ގާސިމްގެ ފަސް ރިސޯޓަކަށް އެއްވަގުތެއްގައި އަރައި ގެންދަނީ ފާސްކުރަމުންނެވެ. އެ ރިސޯޓުތަކުގެ ތެރޭގައި ޕެރަޑައިސް އާއި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑުގެ އިތުރުން ފަން އައިލެންޑް ރިސޯޓެވެ.

ހޮލިޑޭ އައިލެންޑް ރިސޯޓު ބަލައިފާސްކުރަން ނެރުނު ކޯޓު އަމުރު

މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން އަދި ކަސްޓަމްސް އާއެކު މީރާގެ މުވައްޒަފުން ވެސް އެ ރިސޯޓްތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގާސިމްގެ ރިސޯޓެއް ކަމަށްވާ ހޮލިޑޭ އައިލެންޑް ރިސޯޓް ބަލައި ފާސްކުރުމަށް ނެރުނު ކޯޓު އަމުރުގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފައެވެ.

އެ އަމުރުގައި ބުނެފައިވާ ގޮތުން ހޮލިޑޭ އައިލެންޑް ރިސޯޓު ބަލައި ފާސްކުރަން ހުއްދަދީފައިވަނީ ބޮންޑެއް ވެއަރ ހައުސްއިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓް އަދި އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ދޫކުރި ބަނގުރާ އެ ރިސޯޓު ނޫން އެރިސޯޓާ ގުޅުން ހުރި އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ކޯޓު އަމުރު ނެރިފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ރޭގަނޑާއި ދުވާލު ހިމެނޭގޮތަށް 18 ގަޑިއިރުގެ މުއްދަތަކަށެވެ. އަދި އެ އަމަރުގެ ބާރު ހިނގާނީ އަމުރު ނެރޭ ވަގުތުން ފެށިގެން ހަތް ދުވަހުގެ މައްދަތަކަށް ކަމަށް ވެސް އެ އަމުރުގައިވެއެވެ.

ފުލުހުން ގާސިމްގެ ރިސޯޓުތައް ބަލައި ފާސްކުރަމުންދާއިރު ގާސިމް މިހާރު ހުންނެވީ ތިން އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދި މިހާރު ހުންނެވީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުން ފިއްލަވައިގެން ޖަރުމަނު ވިލާތުގަ އެވެ.