ޒުވާން ޕްރޮޑިއުސަރު އަހުމަދު ރީހާންގެ ފުރަތަމަ ދިވެހި ލަވަ އަލްބަމް "މިހިތުގާ" މިއަދު ރިލީޒް ކޮށްފިއެވެ.

އަމިއްލަ ރާގުގެ ނުވަ ލަވައާއެކު ދެ ވީޑިއޯ ލަވަ ވެސް ހިމެނޭ މިހިތުގާ އަލްބަމް ނެރެދެއްވީ ސަން ގްރޫޕް އޮފް ކޮމްޕެނީސްގެ ޑިރެކްޓަރ އަދި އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދެވެ. އެ އަލްބަމް ސްޕޮންސަރ ކޮށްފައިވަނީ ސަން ޓްރެވަލްސް އިންނެވެ.

އެ އަލްބަމްގައި ހިމެނެނީ ލަވަކިޔުންތެރިޔާ ހުސައިން އިނާޒުގެ ލަވަތަކެވެ. އިނާޒުއާއެކު ރާފިޔަތު ރަމީޒާ، އަދި ވޮއިސް އޮފް މޯލްޑިވްސްއިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މަރިޔަމް އިފާ އާއި ރާފިޔަތު ރަމީޒާ އާއި މަރިޔަމް އަޝްފާ އަދި ނާޝިދާ އަހްމަދުގެ އަޑުވެސް އަލްބަމްގެ ލަވަތަކުން އިވިގެންދާނެއެވެ.

ޕްރޮޑިއުސަރު އަހުމަދު ރީހާންގެ ފުރަތަމަ ދިވެހި ލަވަ އަލްބަމް "މިހިތުގާ"، ސަން ގްރޫޕް އޮފް ކޮމްޕެނީސްގެ ޑިރެކްޓަރ އަދި އެސްޓީއޯގެ ޗެއާމަން ހުސެއިން ސާލިމް މުހައްމަދު ނެރެދެއްވަނީ-- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އަލްބަމް ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ސަން ގްރޫޕް އޮފް ކޮމްޕެނީސްގެ ޑިރެކްޓަރ އަދި އެސްޓީއޯގެ ޗެއާމަން ސާލިމް ވިދާޅުވީ މި އަލްބަމް ސަން ޓްރެވަލް ގްރޫޕުން ސްޕޮންސަރ ކުރަން ނިންމީ ދިވެހި ޒުވާނުންނަށް މިޔުޒިކުގެ ދާއިރާއިން ކުރިއަށް ދިޔުމުގެމަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ސަން ގްރޫޕު އޮފް ކޮމްޕެނީސްގެ ޑިރެކްޓަރ އަދި އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު ސަންއަށް މައުލޫމާތު ދެއްވަނީ -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑުމެން އުންމީދު ކުރަނީ މީގެ ފަހުން ވެސް ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކެއް މިޔުޒިކާއި އެހެނިހެން ދާއިރާތަކުން މެދުވެރިވުން. ޒުވާނުން ގޯސް މަގަކަށް ނުގޮސް ފައިދާހުރި ކަންކަމުގައި މަސްއޫލު ކުރުވުން ބޭނުމަކީ،" ސާލިމް ވިދާޅުވިއެވެ.

މިފަދަ އަލްބަމެއް ނެރުމުގެ މަގްސަދަކީ މި ދާއިރާއަށް އާ ޒުވާނުން ނެރެ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުން ކަމަށް އަލްބަމުގެ ޕްރޮޑިއުސަރު އަހުމަދު ރީހާން ބުންޏެވެ. ރީހާން ބުނީ މި ހިތުގާ އަލްބަމް އަކީ ތަފާތު އުފެއްދުމެއް ކަމަށެވެ.

ޕްރޮޑިއުސަރު އަހުމަދު ރީހާން-- ސަންފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑު ވެސް ވަރަށް ބޮޑު ހުވަފެނެއް މިއަދު މި ހަގީގަތަކަށް ވެގެންދިޔައީ. މި ހުފެން ހަގީގަތަކަށް ވެގެންދިޔައީ ސަން ޓްރެވަލްސްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު،" ރީހާން ބުންޏެވެ.

މިހިތުގާ އަލްބަމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ރީހާން ޝުކުރު އަދާކުރިއެވެ. ހާއްސަކޮށް ސަން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު، ޑރ. އާއިޝަތު ރަފިއްޔާ އަދި ރީހާންގެ މަންމަ އާއި އަނބިމީހާ، އެކްޝަނަލް މޫވީސްގެ އެމްޑީ ލަތީފް، ފިއުލް އެކްސްޕްރެސްގެ އެމްޑީ ޝިހާބު އަދި އަލްބަމަށް ލަވަތައް ކިޔައިދިން އިނާޒާއި، ބެންބެ އަދި ހަންމުގެ ނަން އޭނާ ފާހަގަކުރިއެވެ.