ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިއަދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާ އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

"އެންމެގާތުން" ކެމްޕެއިންގެ ދަށުން މިއަދު ހަވީރު އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން އެރަށު އަންހެނުން ވަނީ ރާނީންނަށް އިހުޒަމާނުގައި ކިޔައި އުޅޭފަދަ މަރުހަބާއެއް އެކަމަނާއަށްކިޔައިފައެވެ.

"ރާނީ ހިނގުމަކީ" ވަރަށް ފަހުން ކުޅުދުއްފުށީގައި ކުރަން ފެށި ކަމެކެވެ. ރާނީ ހިނގުމުގައި ރާނީ މެދުގައި ހުރެގެން ރަށުގައި ހިނގާނީއެވެ. މިފަހަރު މިކަން މި ކުރަނީ މެޑަމް ފާތުން އަށް މަރުހަބާ ކިޔުމަށެވެ.

ކެޕްޝަންކުޅުދުއްފުށީން ފަސްޓްލޭޑީ ފާތުންއަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ: އަސުރުމާ

ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ ރައްޔިތުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެޑަމް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވެސް މެޑަމް ޒިޔާރަތް ކޮށް އެތަނުގެ ހާލަތު ބެއްލެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީގެ އިތުރުން މެޑަމްގެ މި ދަތުރުފުޅުގައި ހދ. އަތޮޅުގެ އިތުރު ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެ އެވެ. މިދިޔަ ހަފުތާ ތެރޭގައި މެޑަމް ވަނީ އއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

ކުޅުދުއްފުށީން ފަސްޓްލޭޑީ ފާތުންއަށް މަރުހަބާ ދަންނަވަނީ--

އަދި އޭގެކުރިން އެމަނާ ވަނީ އައްޑޫ ސިޓީ އަށާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުތަކުގައި ވެސް އެކަމަނާ ވަނީ އެ ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރައްވާފައެވެ.

ކުޅުދުއްފުށީން ފަސްޓްލޭޑީ ފާތުންއަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ އަސުރުމާ

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ފަރާތެއްގެ ގޮތުގަ އެވެ. މިއީ އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.