17 Jan 2018, 18:51
މާލޭގައި ޖެހިޖެހިގެން ހިނގައިދިޔަ ދެ މާރާމާރީގައި ދެ ދަރިވަރަކު ޒަޚަމްވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކުރައްވައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ގޮވާލައްވައިފިއެވެ.
ލިލީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ޝިފާ ވިދާޅުވީ އިއްޔެއާ މިއަދު ހިނގާދިޔަ މާރާމާރީތަކާ ގުޅިގެން ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެން ޖެހޭ ކަމަށެވެ. އަދި އެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ މުވައްސަސާޔތަކުން މަސައްކަތް ކުރުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުންވެސް ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރޭ މާލެތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް. ނަމަވެސް މިފަދަ ސީރިއަސް ކަންކަން ހިނގީމައި އެބަޖެހޭ މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދެން. އެޑިޔުކޭޝަން މިނިސްޓްރީންވެސް އެބަޖެހޭ މިކަން ވަރަށް ހަރުދަނާކޮށް ބަލަން،" ޝިފާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ މާލެތެރޭގެ އަމަން އަމަންކަން ދެމެހެއްޓުމަކީ ސިޓީ ކައުންސިލުގެވެސް ޒިންމާއަކަށްވާއިރު އެކަން ކުރުމަށް އެ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންނާއި އަދި ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކޮށް މީގެ ކުރިންވެސް މަޝްވަރާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މީގެ ކުރިންވެސް މިކަހަލަ ކަންކަމާ ގުޅިގެން އަޅުގަނޑުމެންވާނީ ފުލުހުންނާއި އަދި ކަމާބެހޭ މުއައްސަސާތަކާއި ވާހަކަ ދައްކާ މަޝްވަރާތައް ކޮށްފައި،" ޝިފާ ވިދާޅުވިއެވެ.
ޝިފާ މިހެން ވިދާޅުވެފައިވާއިރު ފުލުހުންނާއި އެޑިޔުކޭޝަނުން ބުނެފައިވަނީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.