ފީފާ ވޯލްޑް ކަޕަކީ ފުޓުބޯޅަ ކަލަންޑަރުގެ އެންމެ ޝަރަފުވެރި އިވެންޓެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މުޅި ދުނިޔޭގެ ލޯތައް އަމާޒުކޮށްލާ އެންމެ ބޮޑު ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެވެ.

އަނެއްކާވެސް ވޯލްޑް ކަޕަކަށް ފުޓުބޯޅަ ދުނިޔެ ފައްކާވެއްޖެއެވެ. ވޯލްޑް ކަޕުގެ ޝަރަފުވެރި މަގާމު އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއްޗަކީ ވޯލްޑް ކަޕުގެ ތަށްޓެވެ. ގައުމުތަކުގެ ރައީސުންނާއި ވޯލްޑް ކަޕު ހޯދައިފައިވާ ކުޅުންތެރިން ފިޔަވާ އެހެން އެއްވެސް ބަޔަކަށް އަތް ނުލެވޭ ވޯލްޑް ކަޕުގެ އޮރިޖިނަލް ތަށްޓަކީ، ގިނަބަޔަކު ހަމަ ލޮލުން ބަލާލަންވެސް ބޭނުންވާ ޓުރޮފީއެކެވެ.

އެތައް ގައުމެއްގެ ރައްޔިތުންނަށް ވޯލްޑް ކަޕުގެ ތަށި ހަމަ ލޮލުން ބަލާލައި އެގައުމުތަކުގެ ރައީސުންނަށް ތަށި އުފުލާލުމުގެ ފުރުސަތު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން ފީފާގެ އެންމެ ޒަމާންވީ އެއް ސްޕޮންސަރު ކޮކާ ކޯލާއިންވަނީ ވޯލްޑް ކަޕު ޓްރޮފީ ޓުއާއާއެކު ފަހިކޮށްދީފައެވެ. ވޯލްޑް ކަޕު ތަށްޓަށް އިސްތިގުބާލު ކުރުމަށް ކުރެވުނު ހުވެފެންތަށް ހަގީގަތަށް ހަދައިދީފައެވެ.

ކޮންމެ ވޯލްޑް ކަޕެއްގެ ކުރިން ޓްރޮފީ ޓުއާއަށް ހާއްސަ ލެޖެންޑުންގެ ޓީމެއް ނަގައެވެ. މި ލެޖެންޑުންގެ ޓީމުގައި ހިމެނޭނީ މުޅިންވެސް ވޯލްޑް ކަޕު ހޯދާފައިވާ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަކީ ޓުއާގައި ތަށި އުފުލާނެ ކުޅުންތެރިންނެވެ.

ދެހާސް ހަވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕުގެ ކުރިން ވޯލްޑް ކަޕު ޓުރޮފީ ޓުއާގެ ފޯރި ފެށިފައިވާއިރު، ފީފާގެ ސުޕޮންސަރު ކޮކާ ކޯލާއާއެކު 2010 އަދި 2014 ވަނަ އަހަރުގެ ކުރިންވެސް ވޯލްޑް ކަޕުގެ އޮރިޖިނަލް ތަށިވަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ދައްކާލާފައެވެ. އެތަކެއް އާއްމުނަކަށް ޓްރޮފީއާއެކު ފޮޓޯ ނަގަން ހުޅުވާލައި، ކޮކާކޯލާ ޓުރޮފީ ޓުއާވަނީ ފަހަރެއް ފަހަރަކަށްވުރެ ފުޅާކޮށްފައެވެ.

ދުނިޔޭގެ ހަ ބައްރުގެ ގިނަ ގައުމުތަކަކަށް ވޯލްޑް ކަޕު ތަށްޓާއެކު ގެނުވާ އީދު، މިފަހަރު ރާއްޖެއަށްވެސް އަންނާނެއެވެ. މިއީ ކޮކާ ކޯލާ ޓްރޮފީ ޓުއާގައި ދިވެހި ރާއްޖެ ހިމެނުނު ފުރަތަމަ ފަހަރެވެ.

ޖަރުމަން 2006 - ޓްރޮފީ ޓުއާގައި 31 ގައުމަކަށް ތަށި ގެންދެވުނު

2006 ވޯލްޑް ކަޕު ޓްރޮފީ ޓުއާ ފެށުމުގެ ތެރެއިން --- ފޮޓޯ/ ކޮކާ ކޯލާ ޓްރޮފީ ޓުއާ

ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ކޮކާ ކޯލާ ޓްރޮފީ ޓުއާ ފެށީ އެއަހަރު ޖަނަވަރީ މަހުގައެވެ. ޓުރޮފީ ޓުއާ ކުރިއަށްދިޔައީ ތިން މަސް ދުވަހަށް ނަމަވެސް 28 ގައުމެއްގެ 31 ސިޓީއަށް ވަނީ ވޯލްޑް ކަޕުގެ ތަށި ގެންދެވިފައެވެ. ގާނާގެ އަކްރާއިން ފެށި ޓްރޮފީ ޓުއާ ނިންމާލީ މުބާރާތް ބާއްވާ ގައުމު ޖަރުމަނަށެވެ.

ދެހާސް ހަވަނައަހަރަކީ ވޯލްޑް ކަޕުގެ އޮރިިޖިނަލް ތަށި ގައުމުތަކަށް ގެންދެވުނު ފުރަތަމަ އަހަރު ކަމަށްވުމުން އެކަމަށްވަނީ ގިނަބައެއް ސަމާލުކަން ހުއްޓިފައެވެ. އެގޮތުން ވޯލްޑް ކަޕުގެ އޮރިޖިނަލް ތަށްޓާއެކު 175،000 ސަޕޯޓަރުންވަނީ އެއަހަރުގެ ޓުއާގައި ފޮޓޯ ނަގާފައެވެ.

ބްރެޒިލްގެ މެކްސިކޯސިޓީ، އެމެރިކާގެ ލޮސްއޭންޖަލަސްގެ އިތުރުން ޖަޕާންގެ ޓޯކިއޯއާއި ޗައިނާގެ ބެއިޖިންގް އަދި އިނގިރޭސި ވިލާތުގެ ލަންޑަނަށްވެސް ވޯލްޑް ކަޕުގެ ތަށި ގެންގޮސްފައިވާއިރު، ތަށި ގެންދިޔަ ހުރިހާ ސިޓީއަކަށްވެސް އެ އިވެންޓް ވެގެންދިޔައީ ބޮޑު އީދަކަށެވެ.

ސައުތު އެފްރިކާ 2010 - ތަށި ގެންދެވުނު ގައުމުތަކުގެ ތެރޭގައި އެފްރިކާގެ 50 ގައުމު

2010 ވޯލްޑް ކަޕު ޓްރޮފީ ޓުއާގެ ތެރެއިން --- ފޮޓޯ/ ކޮކާ ކޯލާ ޓްރޮފީ ޓުއާ

ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕަކީ އެފްރީކާގެ ފަސް ގަނޑުގައި ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕެވެ. އެފްރިކާގެ ތާރީހާ ސަގާފަތުގެ ތެރެއަށް މުޅި ދުނިޔެ ޝައުގުވެރިކޮށްލި ވޯލްޑް ކަޕުގެ އަޑު ގަދަކޮށްލީ 'ވުވުޒޭލާ' އިންނެވެ.

ސައުތު އެފްރީކާގެ ވޯލްޑް ކަޕުގެ ކުރިން ކޮކާ ކޯލާ ވޯލްޑް ކަޕު ޓްރޮފީ ޓުއާވަނީ 2009 ވަނަ އަހަރު ސެޕްޓެމްބަރު މަހު ފަށާފައެވެ. 2010 ވަނަ އަހަރު މެއިމަހާ ހަމައަށް ކުރިއަށްދިޔަ ކޮކާ ކޯލާ ޓްރޮފީ ޓުއާގައި 84 ގައުމެއްގެ 130 ސިޓީއަށް ވޯލްޑް ކަޕުގެ ތަށިވަނީ ޒިޔާރަތް ކޮށްފައެވެ. އެފްރިކާ ބައްރުގައި ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވުމާއެކު އެއަހަރުގެ ޓްރޮފީ އެފްރިކާގެ 50 ގައުމަކަށް ގެންދެވިފައިވެއެވެ.

ގިނަ ސިޓީތަކަކަށް ވޯލްޑް ކަޕުގެ ތަށި ދަތުރުކުރިއިރު، މުޅިން އަލަށް ގިނަ ގައުމުތަކަކަށް ތަށި ވަނީ ދައްކާލެވިފައެވެ. އޭގެ ތެރޭގައި ޔޫކުރެއިން، ނިއުޒީލެންޑް އަދި ކަޒަކިސްތާންގެ އިތުރުން ގްރީސްއާއި ވެނުޒުއޭލާ ފާހަގަކޮށްލެވުނެވެ.

އިތުރުވި ގިނަ އަދަދެއްގެ ގައުމުތަކާއެކު މި ޓުއާގައި ގާތްގަނޑަކަށް މިލިއަނެއްހާ ސަޕޯޓަރުންވަނީ ތަށްޓާއެކު ފޮޓޯ ނަގާފައެވެ.

ބްރެޒިލް 2014 - 267 ދުވަހުގެ ތެރޭގައި 89 ގައުމަކަށް

ބްރެޒިލް 2014 ވޯލްޑް ކަޕު ޓްރޮފީ ޓުއާ ފެށުމުގެ ތެރެއިން --- ފޮޓޯ/ ކޮކާ ކޯލާ ޓްރޮފީ ޓުއާ

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕަކީ ވޯލްޑް ކަޕުގެ ތާރީހާ ގިނަ ގޮތްގޮތުން ގުޅިފައިވާ މުބާރާތެކެވެ. ވޯލްޑް ކަޕުގެ އެންމެ ބޮޑު ތާރީހެއް އޮތް ބްރެޒިލަކީ ފުޓުބޯޅައިގެ ލޭ އެގައުމުގެ ކޮންމެ ރައްޔިތެއްގެ ހަށިގަނޑުގައިވެސް ހިނގާ ގައުމެކެވެ. އެގައުމުގައި ބޭއްވުނު ވޯލްޑް ކަޕުގެ ކުރިން ކުރިއަށްގެންދިޔަ ކޮކާ ކޯލާ ޓްރޮފީ ޓުއާވެސް ތާރީހު ލިޔެލިއެވެ.

ދެހާސްތޭރަ ވަނަ އަހަރު 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެޒިލްގެ ރިއޯ ޑިޖެނެރޯއިން ފެށި ޓްރޮފީ ޓުއާ ނިންމާލީވެސް ބްރެޒިލްގެ ވެރިރަށް ރިއޯއަށެވެ. 267 ދުވަސް ތެރޭގައި 90 ގައުމަކަށް އެ ޓުއާގައި ވޯލްޑް ކަޕު ޓްރޮފީ ދަތުރުކޮށްފައިވާއިރު، އެ ޓުއާ ނުވަ މަސްދުވަހަށް ދެމިގެން ދިޔައެވެ. މިއީ ވޯލްޑް ކަޕު ޓުރޮފީ ޓުއާ އެންމެ ގިނަ ގައުމަށް ގެންގޮސް، އެންމެ ގިނަ ދުވަސް އެކަމަށް ހޭދަކުރި ވޯލްޑް ކަޕެވެ.

ނުވަ މަސްދުވަހުގެ ތެރޭގައި 1.3 މިލިއަން ސަޕޯޓަރުންވަނީ ތަށްޓާއެކު ފޮޓޯ ނަގާފައެވެ. ތަށީގައި އަތްލުމުގެ ނަސީބު ލިބުނީ ހަމައެކަނި ގައުމުތަކުގެ ރައީސުންނާއި ވޯލްޑް ކަޕުގެ ތަށި ހޯދާފައިވާ ކުޅުންތެރިންނާއި ކޯޗުންނަށެވެ.

ބްރެޒިލް ވޯލްޑް ކަޕުގެ ކުރިން ކުރިއަށް ގެންދިޔަ ޓުއާއަކީ މިހާތަނަށް ވޯލްޑް ކަޕުގެ ތަށި އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރި ޓުއާވެސް މެއެވެ. އެ ޓުއާގައި ވޯލްޑް ކަޕުގެ ތަށިވަނީ 149،576.78 ކިލޯ މީޓަރުގެ ދުރުމިނެއް ކަވަރު ކޮށްފައެވެ. އެއީ ދުނިޔޭގެ ވަށާ ތިން ބުރު ހަމާ ވަރުގެ ދިގު ރާސްތާއެކެވެ.

ބްރެޒިލް ވޯލްޑް ކަޕަށް، ވޯލްޑް ކަޕުގެ ތަށްޓާއެކު ޓްރޮފީ ޓުއާގައި ބްރެޒިލް ވޯލްޑް ކަޕުގެ ރަސްމީ މެސްކޮޓް ފުލެކޯވެސް ވަނީ ދަތުރުކޮށްފައެވެ. މީގެ އިތުރުން ފީފާ ވޯލްޑް ކަޕުގެ ހާއްސަ ހަނދާންތައް ދައްކުވައިދޭ އެނިމޭޓެޑް ހޮލޮގްރާމް ވީޑިއޯއެއްވެސް ވަނީ ޓުއާގައި ދައްކާފައެވެ. މި ހޮލޯގްރާމް ވީޑިއޯ މިއަހަރުގެ ޓުއާގައިވެސް ބޭނުން ކުރާނެއެވެ.

ރަޝިއާ 2018 - އެންމެ ގިނަ ދުވަހަށް ދެމިގެންދާ ޓްރޮފީ ޓުއާ

ރަޝިއާ 2018 ވޯލްޑް ކަޕު ޓްރޮފީ ޓުއާ ފެށުމުގެ ތެރެއިން --- ފޮޓޯ/ ކޮކާ ކޯލާ ޓްރޮފީ ޓުއާ

މިދިޔަ އަހަރު ޑިސެންބަރާ ހަމައަށް މިފަަހަރުގެ ކޮކާ ކޯލާ ވޯލްޑް ކަޕު ޓޮރޮފީ ޓުއާ ކުރިއަށް ގެންގޮސްފައިވަނީ ރަޝިއާގެ އެކި ސިޓީތަކުގައެވެ. އެގޮތުން ފީފާއިން ބުނެފައިވަނީ ރަޝިއާގެ ކޮންމެ ތިން މީހަކުން އެކަކަށް އެގައުމުގައި ބާއްވާ ވޯލްޑް ކަޕު ތަށީގެ ތަޖުރިބާ ކޮށްލެވޭނެ ކަމަށެވެ. މިއީ މިހާތަނަށް ކޮކާ ކޯލާ ވޯލްޑް ކަޕު ޓްރޮފީ، ވޯލްޑް ކަޕު ބާއްވާ ގައުމުގައި ދިން އެންމެ ބޮޑު ޓުއާއެވެ.

މިއަހަރުގެ ޓުއާ ސެޕްޓެމްބަރު މަހު ރަޝިއާގެ މޮސްކޯއިން ފަށާފައިވާއިރު، ޓުއާ ނިންމާނީވެސް ރަޝިއާގެ ވެރިރަށް މޮސްކޯއަށެވެ. ރަޝިއާގެ ތާރީހީ ސްޓޭޑިއަމްގައި މިއަހަރުގެ ވޯލްޑް ކަޕު ޓްރޮފީ ޓުއާ ފައްޓަވައިދެއްވީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕްޓިންނާއި ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯއެވެ. މީގެ އިތުރުން ޓުއާ ފެށުމުގައި ބައިވެރިވީ މިއަހަރުގެ ޓުއާގައި ދަތުރު ކުރާނެ ހާއްސަ ލެޖެންޑުންގެ ޓީމެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށި ވޯލްޑް ޓުއާގައި ޖުމްލަ 50 ގައުމަކަށް ޓުރޮފީ ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ވޯލްޑް ކަޕުގެ ޓްރޮފީ ޓުއާގައި ވަރަށް ބޮޑަށް މުބާރާތް ބާއްވާ ގައުމު ހިމެނިފައިވާއިރު، ރަޝިއާގެ ޓުއާ ކުރިއަށް ގެންދާނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން 2017 ވަނަ އަހަރުގެ ފޭސްގައި ރަޝިއާގެ 15 ސިޓީއަކަށް ޓްރޮފީ ގެންގޮސްފައިވާއިރު، ޓްރޮފީ ޓުއާގައި ރަސްމީކޮށް ހިމެނިފައިވާ ގައުމުތަށް ނިމި މެއި މަހު ރަޝިއާއަށް ތަށި ގެންދިއުމާއެކު ދެވަނަ ފޭސް ފެށޭނެއެވެ. ދެވަނަ ފޭސްގައި ރަޝިއާގެ ނުވަ ސިޓީއަކަށް ތަށި ގެންދެވޭނެއެވެ.

މިފަހަރުގެ ޓްރޮފީ ރާއްޖޭގެ އިތުރުން އޭޝިއާގެ ގިނަ ގައުމުތަކަކަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 22 ވަނަ ދުވަހު ލަންޑަނުން ދުނިޔޭގެ ޓުއާ ފަށާއިރު، ރާއްޖެ އައުމުގެ ކުރިން އެކުވެރި ސްރީލަންކާއަށް ތަށި ގެންދެވޭނެއެވެ. މީގެ އިތުރުންވެސް ތަށި ގެނެވޭ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ޖަޕާން ތައިލެންޑް، ލާއޯސް، މަކާއޯ. ޕާކިސްތާން، ކިރިގިސްތާން، ތަޖަކިސްތާން، ތުރުކަމެނިސްތާން، ފަލަސްތީންގެ އިތުރުން ޖޯޑަން އަދި ޑުބާއީއެވެ.