17 Jan 2018, 21:55
މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އިންޕޯޓުކުރާ ކުކުޅުބިސް ޓްރީމަންޓެއް ނުދީ ފިނި ނުކޮށް، ބެހެއްޓޭނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަކަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ކުކުޅުބިސް އިންޕޯޓްކޮށް ވިއްކަން ބަހައްޓަން ޖެހޭނީ މިނިސްޓްރީން ކަނޑައެޅި މިންގަނޑުތަކާ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ގާއިމް ކޮށްފައިވާ ބިސް އެތެރެކޮށް ވިއްކުމާ ބެހޭ ގަވާއިދުގެ ދަށުން ބިސް ފިނިކޮށް ބަހައްޓަންވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އެގޮތަށް އިންޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިންޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކުކުޅުބިހުގެ ދުވަސް ހަމަވާ މުއްދަތު ދިގުކުރުމަށް ޓްރީމަންޓެއްދީގެން އިންޕޯޓްކުރާނަމަ، މުއްދަތު ދިގުކުރުމަށްޓަކައި ކޮށްފައިވާ ކަމެއް ބަޔާންކުރާ އުފެއްދި ގައުމުގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.
މީގެ އިތުރުން ރާއްޖެއަށް އިންޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކެޓް ހުށަހެޅުމުން ކަމަށާއި އެ ސެޓްފިކެޓްގައި ބިސް އުފެއްދި ގައުމު (ކަންޓްރީ އޮފް އޮރިޖިން) ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ވެސް ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަން ވާނީ ބަންދުކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ކަމަށާއި ފިހާރަތަކުގައި ވިއްކަން ހުންނަ ބިސް ވެސް ހުންނަން ވާނީ މުއްދަތު ހަމަވާ ތާރީޚު ގަންނަ ފަރާތަށް އެނގޭނެ ގޮތަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ބޭރުތޮށި ސާފުނުކޮށް، ނަޖިސް ހަރުލާފައި ހުންނަ ކުކުޅުބިސް ރާއްޖެ އެތެރެކޮށް ވިއްކުން ވެސް އެ ގަވާއިދުގެ ދަށުން މަނާވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.