އިސްލާމްއާބާދު (ޖެނުއަރީ 17): މިމަހުގެ ނުވައެއްގައި ޕާކިސްތާނުގައި ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބް އަންސާރީގެ ގާތިލު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން ހަތް އަހަރުގެ ޒައިނަބު ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ ހަތަރެއްގައި ގުރުއާން ކުލާހަށް ދިޔަ މަގުމަތީގަ އެވެ. އޭގެ ފަހުން އެކުއްޖާގެ އަތުގައި ހިފައިގެން ފިރިހެނަކު ދާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ.

އަދި މިއަދު ލާހޯރުގެ ފުލުހުން ވަނީ އެވީޑިއޯއިން ފެންނަ މީހާއާ ވައްތަރު މީހަކު ލާހޯރުން ފެނިފައިވާ ކަމަށާއި މިހާރު އޭނާ ހައްޔަރުކޮށް، ޒައިނަބުގެ މަރު ތަހުގީގު ކުރަމުންދާ ކަސޫރުގެ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ކަސޫރުގެ ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވާ މީހާ ކުޑަ ދުވަސްކޮޅެއް ކުރިން ކަސޫރަށް ގޮސްފައިވާ ކަން އެނާގެ މޮބައިލް ފޯނުން އެނގެ އެވެ. އަދި އޭނާއާ ޒައިނަބުގެ މަރާ ގުޅުމެއް އޮތްތޯ ބެލުމަށް އޭނާގެ ޑީއެންއޭ ޓެސްޓު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ޒައިނަބުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ލަސްކަން ފާހަގަކޮށް ޕަންޖާބުގެ ފުލުހުންގެ އިސް އޮފިޝަލުން ކޯޓަށް ހާޒިރުކޮށްފަ އެވެ.

އަދި އުއްތަމަ ފަނޑިޔާރު މިއާން ސާބިގް ނިސާރު ވަނީ އެމައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާ ނަމަ އެވާނީ ފުލުހުންނާއި ސަރުކާރު ފެއިލްވުން ކަމަށާއި ޒައިނަބުގެ ގާތިލު ވަނީ މީގެ ކުރިން އެހެން ކުޑަކުދިން ވެސް މަރާފައި ކަން ފާހަގަ ކުރައްވާފައި އެވެ. އަދި މިފަދަ އެހެން މައްސަލަތައް ތަހުގީގު ކުރުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކުށްވެރިން މިނިވަން ކުރަން ޖެހޭ ކަމަށް ނިސާރު ވިދާޅުވި އެވެ.

ޒައިނަބުގެ ޕޯސްޓްމޯޓަމް ހެދި ޑިސްޓްރިކްޓް ހެޑްކުއާޓާސް ހޮސްޕިޓަލާ ހަވާލައިދީ ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން ޒައިނަބު މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. އަދި ޒައިނަބު ރޭޕްކޮށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށާއި އެކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ މަރުވިތާ ދޭއް ނުވަތަ ހަތަރު ދުވަސް ފަހުން ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކުރެ އެވެ.

ޕަންޖާބުގެ ސަރުކާރުން ވަނީ ޒައިނަބު މަރާލި މީހަކު ހޯދުމުގައި އެހީތެރިވާ މީހަކަށް 10 މިލިއަން ރުޕީސް (90،000 ޑޮލަރު)ގެ އިނާޔަތެއް ހުށަހަޅައިފަ އެވެ. (ޖިއޯ ނިއުސް)