15 Aug 2011, 15:05
ރައްޔިތުންގެ ހައްގުތަކަށް އަރައި ނުގަތުމަށާއި އަނިޔާވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ހުށަހަޅުއްވާފައިވާ ބިމުގެ ބިލްގެ ބަހުސްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސިޔާމު ވިދާޅުވީ، ފުރަތަމަ ޖެހެނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި ދިވެހި ރައްޔިތުންނާއި ބޭރުގަމުތަކުގެ ބިދޭސީންގެ ހައްގުތައް ހިމާޔަތްކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކު ހޮސްޕިޓަލްތަކުގައި މަރުވަމުންދާ ކަން ވެސް ސިޔާމް ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލައިގައި ސަރުކާރު ކުށްވެރި ކުރައްވާ ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.
"އެކްސިޑެންޓެއްގައި މަރަށް ތައްޔާރުވެފައިވާ މީހަކު އޭޑީކޭގައި އެބައޮތް. ނަމަވެސް އެހާލުގައި ބޭސް ފަރުވާއަށް އޭނާ ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ވަނީ ނުދީފައި. ކޮން ބިމެއްގެ ވާހަކަތޯ މި ދައްކަނީ. އިންސާނީ ހައްގުތައް ހިމާޔަތްކުރަން އެބަޖެހޭ. އެނޫން ގޮތަކަށް މިކަން ގެންދާ ނަމަ ބިމުގެ ހައްގޭ މިވެނި ހައްގޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާކަށް ނުޖެހޭ. އަޅުގަނޑު ގޮވައިލަން ދިވެހި ސަރުކާރަށް އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ހިންގާ ޕާޓީގެ ޕާލަމެންޓްރީ މެންބަރުންނަށް، މިފަދަ އިންސާނީ ހައްގުތަކަށް އަރައިނުގަނެ އަނިޔާވެރި ނުވުމަށް. މީ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިފައިވާ މިންވަރު. މިފަދަ ކަންކަމަށް ތާއީދެއް ނުކުރެވޭނެ،" ދާދިފަހުން ކުރެއްދޫ ރިސޯޓްގައި ހިނގި އެކްސިޑެންޓްގައި ޒަހަހަމުވެ އޭޑީކޭގައި ފަރުވާ ހޯދަމުން އަންނަ ޒުވާނާ އަށް، ފަރުވާ އަށް ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދީފައި ނުވާ މައްސަލަ އަށް އިޝާރަތް ކުރައްވައި ސިޔާމު ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީ އާއި ޕޮލިހާއި ރައީސް ނަޝީދު އެ ކަމުގައި ވިސްނަވާ ފިކުރުކުރުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
ސިޔާމު ވިދާޅުވީ، ބިމާ ބެހޭ ގާނޫނުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭންނޫން ކަމަށެވެ. އެކަމަކީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ރައްޔިތުންނަށް ހަރާންކޯރުވުމަށްކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިމުގެ ގާނޫނު މިއުޅެނީ ތިމާގެ އަތްމައްޗަށް ހުރިހާ އާރަކާއި ބާރެއް ލައިގެންގޮސް ރައްޔިތުންގެ ހައްގުތައް ފޭރިގަންނަން. ބަޔަކު މިކަން މިކުރަނީ ރައްޔިތުންނަށް ޓަކައޭ ބުންޏަސް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރާނެ. ރައްޔިތުން ހޭލައިތިބީ ރައްޔިތުން މޮޔައެއްނޫން. ބައެއް މެންބަރުން ރިޝްވަތުގެ ހުތުރު ފައިސާ ހޯދައިގެން ރައްޔިތުންގެ ކަރުގައި ހިފައި ރައްޔިތުންގެ ގޮހޮރު ދަމައިގަންނަން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން،" ސިޔާމް ވިދާޅުވި އެވެ.
ފަހަކަށް އައިސް ސިޔާމު ފާހަގަ ކުރެވެނީ ސަރުކާރަށް އެންމެބޮޑަށް ފާޑު ވިދާޅުވާ އެއް މެންބަރުގެ ގޮތުގަ އެވެ.
މިމަހު ހަތަރުވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުން ބިކަވަމުންދަނީ ގާނޫނުތައް ނެތިގެންނޫން ކަމަށާއި، ގާނޫނާ އެއްގޮތަށް ސަރުކާރުން އަމަކު ނުކުރާތީ ކަމަށް ވިދާޅުވެ، ސިޔާމުވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.