24 May 2010, 10:51
14:30
ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މައްސަލައިގައި ވާދަވެރި ޑީއާރްޕީގެ އިސް ވަފުދަކާ އެމެރިކާގެ ސަފީރު މިއަދު ބައްދަލުކުރައްވައި، މައުލޫމާތު ދެއްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޑީއާރްޕީގެ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ އެޕާޓީގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ. މިބައްދަލުވުމާ ބެހޭ މައުލޫމާތު ސަންއެފްއެމަށް ދެއްވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ އެމެރިކާގެ ޝަފީރު ޕެޓްރީސިއާ އޭ ބުޓިނިސްއާއެކު މިއަދު ބޭއްވި އެ ބައްދަލުވުމުގައި ގުއަންޓަނާބޭ މައްސަލާގައި ރައްޔިތުންގެ ޝަކުވާތައް އެމެރިކާގެ ޝަފީރާ ހިއްސާކޮށްފައިވާ ކަމަށާއި އަދި އެކަމަނާވެސް ގުއަންޓަނާމޯބޭ ޖަލާ ބެހޭ ގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކުގެ މައުލޫމާތު ދެއްވި ކަމަށެވެ. އަލީ ވަހީދު އަދި ވިދާޅުވީ ގުއަންޓަނާމޯބޭ މައްސަލާގައި ރައްޔިތުން ނުރުހޭ ސަބަބުތަކާ އަދި ސަރުކާރުން އެކަމުގައި ގެންގުޅޭ ޕްރޮސެސްތައް އެމެރިކާގެ ޝަފީރަށް ހާމަކޮށްދީފައިވާ ކަމަށެވެ. އަދި އެބައްދަލުވުމަކީ ވަރަށްވެސް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ނަމަވެސް އެބައްދަލުވުމުގައި އެމެރިކާގެ ޝަފީރު ދެއްކެވި ވާހަކައިގެ ތަފްސީލް ދެވެން ނެތް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.