ސްކޫލުތައް ކައިރީ މަރާމާރީ ހިންގާތީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ އާއި މިއަދު ދެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ދިން ހަމަލާއާ ގުޅޭ ގޮތުން "ސަން"އާ ވަހަކަ ދައްކަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން މިހާރު ވެސް ސްކޫލުތައް ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ސްކޫލުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިތުރު ފުލުހުން ނެރެން ނިންމާފައިވާ ކަމަށެވެ.

"މިވަގުތު ސްކޫލުތައް ކައިރީގައި މި ހަރަކާތްތެރި ވަނީ ހަމަ އެކަނި ޓްރެފިކް ފުލުހުން. ނަމަވެސް ސްކޫލުތައް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް އިތުރު ފުލުހުން ނެރެން ވަނީ ނިންމާފައި،" ޝިފާން ވިދާޅުވި އެވެ.

ފުލުހުން މިހެން ބުނެފައިވާ އިރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ންވެސް ވަނީ ބުނެފަ އެވެ.

ސަން އާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ސަލާމަތީ ބާރުތަކާ ގުޅިގެން ސްކޫލު ދަރިވަރުންގެ ސެކިއުރިޓީ އަށް އަޅަން ޖެހޭ ފިޔަވަޅުތައްއަޅަމުންދާނެ ކަމަށެވެ.

ދަރިވަރުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންނާއި އެޑިއުކޭޝަނުން ބުނެފައި މިވަނީ ތާޖުއްދީން ސްކޫލުގެ ދަރިވަރަކަށާއި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނިކޮށެވެ.

ތާޖުއްދީނު ސްކޫލުގެ ގްރޭޑް 10ގައި ކިޔަވާ ދަރިވަރަކަށް އިއްޔެ ދަގަނޑު ބުރިއަކުން ހަމަލާދީފައި ވަނީ ހެނދުނު ސެޝަން ނިމި ދަރިވަރުން ބަލައި ބެލެނިވެރިން ސްކޫލަށް ވަތް ވަގުތު ބަޔަކު ވަަދެ އެވެ.

ދަރުމަވަންތަ ސްކޫލު ދަރިވަރަކަށް ހަމަލާދީފައި ވަނީ މިއަދު ސްކޫލު ނިމުނު ވަގުތު މަގުމަތިންނެވެ.