ވޭތުވެދިޔަ ސީޒަންގައި ކްލަބު އީގަލްސްއިން ވިދާލި ރިހާމް އަބުދުލްޣަނީ (ބޮބީ) އަންނަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުމަށް ސޮއިކޮށްފިއެވެ.

އީގަލްސްއިން ބޮބީ ދޫކޮށްލިކަން އެ ކްލަބުގެ ޖެނެރަލް ސެކްރަޓަރީ މުފާވިޒް ހާޝިމް (މުފާ) ވަނީ ސަން ސްޕޯޓްސްއަށް ކަށަވަރުކޮށްދީފައެވެ. އަދި މިއަދު ނިއުރޭޑިއަންޓަށް ބޮބީ ސޮއިކުރިކަން އެޓީމުންވަނީ ކަށަވަރުކޮށްދީފައެވެ.

ބޮބީ ދޫކޮށްލީ ކޮން ސަބަބަކާ ހެދިތޯ ސުވާލުކުރުމުން މުފާ ސަމާސާ ރާގަކަށް ބުނީ "އީގަލްސްއަށް ކުޅޭވަރަށްވުރެ ބޮބީ މާ މޮޅީ،" ކަމަށެވެ.

ބޮބީއަކީ މިދިޔަ އަހަރު ލީގުން އީގަލްސްއާއެކު ތައާރަފުވެގެން އައި ހުނަރުވެރި މިޑްފީލްޑަރެކެވެ. އުމުރުން 19 އަހަރުގެ ބޮބީވަނީ މާލޭ ލީގުގެ ފުރަތަމަ ކޮޅުގައި މޮޅު ކުޅުމެއް ދައްކާ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުންވެސް ޖާގަ ހޯދާފައެވެ.

ނަަމަވެސް ކުލަބުގެ ޕުރެކްޓިސްގައި ބައިވެރިނުވެ، ފުޓްސެލް މުބާރާތްތަކުގައި ކުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހު އީގަލްސްއިންވަނީ ބޮބީގެ އިތުރުން އިބްރާހީމް މުބީން (މުއްކި) އަދި ހަސަން ރާއިފް (ހަންނަ) ވެސް ސަސްޕެންޑް ކޮށްފައެވެ. އީގަލްސްގެ އޭރުގެ ކޯޗު އިހްސާން އަބުދުލްޣަނީ (ސާންތި) ވަނީ މާލޭ ލީގުގެ ދެވަނަ ބުރުގެ އެއްވެސް މެޗެއް އެކުޅުންތެރިންނަށް ނުކުޅެވޭހެން ފިޔަވަޅު އަޅާފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭކަޕް އަދި ޕްރެސިޑެންޓްސް ކަޕުވެސް ކާމިޔާބުކުރި ނިއުރޭޑިއަންޓުން އަންނަނީ މި ފެށޭ ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ. ވޭތުވެދިޔަ ސީޒަންގައި ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ޓީމާއެކު ކޮންޓްރެކްޓް އައުކޮށްފައިވާިރު، ކޮންޓްރެކްޓް އައުކުރި ކުޅުންތެރިންގެ ތެރޭގައި ކީޕަރު އިމްރާން މުހައްމަދާއި ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ނިއުގެ ފަހަތް ބެލެހެއްޓި އަކްރަމް އަބްދުލްޤަނީ އާއި ރިލްވާން ވަހީދު (ރިލޭ) އަދި އަހުމަދު އަބްދުﷲ (ލިލީ) ހިމެނެ އެވެ. މީގެ އިތުރުން އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ކަންޑޭލާ އަދި މިދުހަތު ފަހުމީ (ބިޗަޑު) ވެސް ވަނީ އަންނަ ސީޒަނަށް ކޮންޓްރެކްޓް އާކޮށްފަ އެވެ.

އަންނަ ސީޒަނަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ތަފްސީލް ނިއުއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ކޮންޓްރެކްޓް އައުކޮށްފައިވާ ކަންޑޭލާގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިއެއް ގެންނާނެކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.