ނިއުދިއްލީ( 17 ޖެނުއަރީ): އިންޑިއާއިން ކޮންމެ އަހަރަކު ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުުރުމަށް ދާ އެ ގައުމުގެ އެތަކެއް ހާސް މުސްލިމުންނަށް ދެމުން ދިޔަ ހައްޖު ސަބްސިޑީ އިއްޔެ އުވާލައިފި އެވެ.

އިންޑިއާގެ މައިނޯރިޓީ އެފެއާޒްގެ މިނިސްތަރު މުހުތާރު އައްބާސް ނަކްވީ އިއްޔެ ނެރުނު ބަޔާނުގައި ބުނީ އިންޑިއާގެ "މަނިރޯޓީ" ގްރޫޕްތައް ބާރުވެރިކުރެވޭނީ އެ މީހުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދީގެން ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ސައުދީން މި އަހަރު ވަނީ ހައްޖަށް ދާން 5000 ކޯޓާ އިތުރުކޮށްދީފައި. އެއާ އެކު މިއަހަރު އިންޑިއާ އިން 175،000 މުސްލިމުން ހައްޖަށް ދާނެ. އެެހެން ނަމަވެސް މި އަހަރު ހައްޖު ސަބްސިޑީގެ ފައިސާ ބޭނުން ކުރާނީ މުސްލިމު އަންހެނުން ބާރުވެރިކުރުމަށް،" މުހުތާރު ވިދާޅުވި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް ވަނީ 2022 އަހަރު އަންނަންވާއިރަށް މުސްލިމުންނަށް ދެމުންއައި ހައްޖު ސަބްސިޑީ އުވާލުމަށް ސަރުކާރަށް ދަންނަވައިފަ އެވެ.

ސަބްސިޑީ ކަނޑާލުމާ އެކު އިންޑިއާގެ މުސްލިމުންގެ މެދުގައި ވެސް ވަނީ ހިޔާލު ތަފާތުވެފަ އެވެ.

"ސުޕްރީމްކޯޓުން އެންގިގޮތާ ހިލާފަށް ސަބްސިޑީ ކަނޑާލީ ހަތަރު އަހަރުކުރިން. ސަބްސިޑީ ކަަނޑާލިޔަސް އަޅުގަނޑުމެންގެ ފަރުވާލެއް ނެތް. ސަބްސިޑީގެ ސަބަބުން ފައިދާ ވަނީ ހައްޖަށް ދާ މީހާއަކަށް ނޫން ނަމަވެސް އެއާލައިންތަކަށް،" އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރެއް ކަމަށްވާ ގުލާމް ނަބީ އާޒާދު ވިދާޅުވި އެވެ.

އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑުގެ ސްޕޯކްސްޕާސަން މައުލާނާ ހާލިދު ސައިފުﷲ ރަހްމާނީ ވިދާޅުވީ ސަބްސިޑީ ކަނޑާލުމަކީ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާ ތަފާތު ކުރުމުގެ އަމަލެއް ކަމަށެވެ. އަދި ވިދާޅުވީ އެހެން ދީންތަކުގެ މީހުންނަށް ވެސް އެމީހުންގެ އަޅުކަމުގެ ފެސްޓިވަލްތައް ބޭއްވުމަށް އިންޑިއާގެ ސަރުކާރުން ސަބްސިޑީ ދޭ ކަމަށެވެ.

މަސްދަރު : އަނަދޮލޫ އޭޖެންސީ