ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދީ މައްސަލަ ހައްލުކޮށްދިނުމަށް އެދި އިދިކޮޅު ހަތަރު ޕާޓީގެ ލީޑަރުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މިއަދު ސުޕްރީމް ކޯޓަށް ހަތަރު ލީޑަރުންގެ ފަރާތުން ސިޓީ ހުށަހެޅުއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޓީ ހުށަހެޅުއްވީ ގޮނޑީގެ މައްސަލަ ސާފުކޮށް ނިންމައި ދިނުމަށް އެދިވަޑައިގެން ކަމަށެވެ.

އިބޫ ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޖަވާބެއް ނުލިބިއްޖެ ނަމަ ދެން ކުރިއަށްދާނެ ގޮތެއް މަޝްވަރާ ކޮށްގެން ނިންމާނެ ކަަމަށެވެ.

"މެމްބަރުންތަކެއްގެ ގާނޫނީ ހައްގުތަކަށް ހުއްޓުވައި، މަޖިލީހަށް ނުވަދެވޭ ގޮތަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި އެހެން މުއައްސަސާއަކަށް ވެސް ލިބިގެން ނުވޭ،" އިބޫ ވިދާޅުވި އެވެ.

މެމްބަރުން ވެސް އެދިވަޑައިގެންފައި ވަނީ އެ މައްސަލާގައި ސާފު ނިންމުމެއް ނިންވައި ދެއްވުމަށެވެ.

މީގެކުރިން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށާހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެއީ އިތުރު ހުކުމެއް ނެރެން ޖެހޭ މައްސަލައެއް ކަމަށް ނުފެންނަ ކަމަށެވެ.

ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު އަހުމަދާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

އޭގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ހުސްވެފައިވާ ކަން ވެސް އިއުލާނު ކުރި އެވެ.

އޭގެ ފަހުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑި ގެއްލުނުކަން ވެސް އިލެކްޝަނުން އިއުލާނު ކުރި އެވެ.

އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުނު ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.