މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓު ކުރާ މިންވަރު އިތުރުވަމުންދާ ކަމަށާއި އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރަނީ އުތުރުގެ ހއ. އަދި ހދ. އަތޮޅުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިއަދު ސަން އަށް ބުނީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ އާދަޔާ ޚިލާފަށް ޑެންގީ ހުން އިތުރުވާ ދުވަސްވަރެއް ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކުރާ މިންވަރު މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

އަހަރުގެ މި ދުވަސްވަރު ޑެންގީ ފެތުރުން އިތުރުވަނީ ނޮވެމްބަރު، ޑިސެމްބަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި ފެން ހަރުލާ ތަންތަން ނައްތާނުލެވި މަދިރި އުފެދޭތީ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެހެންކަމުން މަދިރި އުފެދޭތަންތަން ނައްތާލައި ފެން އުފެދޭނެހެން ހުންނަ ތަންތަން ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.