17 Jan 2018, 15:11
ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ހަމަލާ ސައުދީން ނާކާމިޔާބުކޮށްލައިފިއެވެ.
ޔަމަނުގެ ހޫތީން ހިންގާ އަލް މަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި، ހޫތީން ދެ މިސައިލު ފޮނުވާލީ ޔަމަނުގެ ބޯޑަރު ކައިރީގައި އޮންނަ ސައުދީގެ ނަޖްރާން ކިޔާ ރީޖަނުގައި ހުންނަ އަސްކަރީ ކޮމާންޑް ސެންޓަރަކަށް އަމާޒުކޮށްފައެވެ.
އެހެން ނަމަވެސް ސައުދީ އަސްކަރިއްޔާއާ ހަވާލައިދީ، އެގައުމުގެ މީޑިއާއިން ބުނީ އެ ދެ މިސައިލުވެސް ސައުދީގެ ދިފާއީ ބާރުން ވަނީ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.
ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަކުރަމުންދާއިރު މިހާތަނަށް ސައުދީއަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ހަނގުރާމައާއެކު ސައުދީގެ ބަޖެޓް ވެސް ވަރަށް ބޮޑަށް ވަނީ ދަރަނިވެރިވެފައެވެ. އަދި ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމުގެ ގޮތުން ސަބްސިޑީތައް ކަނޑާލައި އެތަކެއް ޕްރިންސުންނާއި އަދި ވިޔަފާރިވެރިން ހައްޔަރުކޮށް އެމީހުންގެ މުދާތައް ސަރުކާރަށް ވަނީ ނަގައިފައެވެ.
އެމެރިކާއާއި އެހެނިހެން ގައުމުތަކުގެ އެހީއާވެސް އެކު، ސައުދީ އަރަބިއްޔާ އިސްވެ ހުރެ ޔަމަނުގެ ހޫތީންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ވަނީ ހަމަލާ ދޭން ފަށައިފައެވެ. މިހާތަނަށް ސައުދީ ކޯލިޝަނުން 15،000 އަށް ވުރެ ގިނަ ހަމަލާ ޔަމަނަށް ދީފައިވެއެވެ.
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޔަމަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އެހީދޭ ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި، ޔަމަނުގައި ހިނގަމުންދަނީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ބޮޑު އިންސާނީ މުސީބާތެވެ.