ދެހާސް ތިން ވަނަ އަހަރު އިވާން ނަސީމަށް އަނިޔާކޮށް މަރާލުމާ ގުޅިގެން ކ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ގައިދީން ގަޔަށް ބަޑި ޖެހި ހާދިސާ އާ ގުޅިގެން ކުށް ސާބިތުވެގެން މެރުމަށް ހުކުމް ކުރި އަށް މީހުން މުޖުތަމައުއަށް ދޫވެފައި ވަނިކޮށް އެ ހުރިހާ އެންމެން ވެސް އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މާފުށީ ޖަލުގައި ބަޑި ޖެހި މައްސަލާގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ، މީހުން ތެރެއިން މުޖުތަމައުއަށް ދޫވެފައިވާ ތިން މީހަކު ހައްޔަރުކޮށް، ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ހޯމް މިނިސްޓްރީ ބުނީ އެ މައްސަލާގައި ޝާމިލުވާ އަށް މީހުން ވެސް ޖަލަށް ބަދަލުކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ކަމަށެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް )މޮނާޒާ ނައީމް( މިއަދު ވިދާޅުވީ މާފުށީ ޖަލުގައި ބަޑި ޖެހި މައްސަލާގައި އަށް މީހަކު މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ޖަލު ހުކުމަށް ބަދަލުކޮށްފައި ވަނިކޮށް ކުރީގެ ސަރުކާރުން އެ މީހުން މުޖުތަމައުއަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓްރީގެ އަމުރަށް އެ މީހުން ހޯދައި އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީން ބުނީ ކުރީގެ ސަރުކާރުގައި އެ މީހުން ފުރަތަމަ ހުކުމް ތަންފީޒު ކުރަމުންދިޔައީ މާފުށީ ޖަލުގައި ކަމަށެވެ. އަދި އޭރު މާފުށީ ޖަލުގެ ހާލަތު ހުރި ގޮތުން އެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޖަލާ ހަވާލުވެގެން ހުންނެވި ބޭފުޅަކު ހޯމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އެ މީހުން ދެން ބަދަލު ކުރީ ދޫނިދޫ ޖަލަށް ކަމަށެވެ. އަދި ދޫނިދޫގެ ޖަލަކީ ގައިދީންނަށް އެކަށޭނަ ޖަލެއް ނޫން ކަމަށް ބަޔަކު ކުރި ޝަކުވާއަކާ ގުޅިގެން، އެ މީހުން ދޫނިދޫގައި ބޭތިއްބެން ނެތް ކަމަށް އޭރުގެ ފުލުސް އޮފީހުން ހޯމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި އޭރުގެ ހޯމް މިނިސްޓްރީއަށް ފުލުހުން އެންގުމާ އެކު އެ މައްސަލައިގެ "ކޮޅު" ގެއްލިފައިވާ ކަމަށެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ.

ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް މަރާލި އީވާންގެ މަރާއި ބަޑި ޖެހި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރީ 12 މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށް މަރު ހުކުމް އިއްވާފައިވެ އެވެ. މަރަށް މަރު ކުހުމް އިއްވި އަށް މީހުންނަކީ އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސް މިހާރުގެ އެމްއެންޑީއެފްގެ ޕްރައިވެޓުން ކަމަށްވާ ހ. ހިރަވެރި, ބަދުރު މުހައްމަދާއި ސ. ފޭދޫ ޔެލޯ ހައުސް, މުހައްމަދު ޝިއުނީޒާއި ސ. ހުޅުދޫ އިރުދޭމާގޭ އަބްދުﷲ އިބްރާހީމާއި ނ. ހޮޅުދޫ ބަގީޗާގޭ އިބްރާހިމް ރަމީޒާއި މ. ކޮޅުފުށީ އަސްރަފީގޭ އަހުމަދު ނިޔާޒާއި ވ. ކެޔޮދޫ ހިޔަލީ ގުލްޝަން ޝިޔާދު މުފީދާއި މ. މުލަކު އަލަމާގޭ މުހައްމަދު މަންސޫރާއި ތ. ތިމަރަފުށީ އިރުވައިގޭ އަހުމަދު ރިޔާޒެވެ. އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި, ސެޕްޓެމްބަރު 18 2005 ވަނަ ދުވަހު ޖިނާއީ ކޯޓުން މަރަން ހުކުމް އިއްވީ އަބުދުﷲ ހަސަންގެ މައްޗަށެވެ.

އަދި އެނާ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް އެ މައްސަލާގައި ޝާމިލްވެގެން މަރަށް ހުކުމް ކުރި މީހުގެންގެ ތެރޭގައި ހިމެނޭ މއ. ދިހި، އާދަމް މުހައްމަދު )ފުސްފަރު(ގެ ކުށެއް ނެތް ކަމަށް 2006 އަހަރު ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ.

ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން ސެޕްޓެމްބަރު 20، 2003 ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި 16 މީހުންނަށް އަނިޔާވެފައިވެ އެވެ.