ޖޯ ރައިޓް ޑައިރެކްޓްކޮށް، އެންތޮނީ މެކްކާޓެން ސްކްރީން ޕްލޭ ލިޔެފައިވާ ހިސްޓޯރިކަލް ބަޔޯގްރަފީ ފިލްމް "ޑާކެސްޓް އަވާ" މިމަހު 19ގައި ޝްވެކް ސިނަމާގައި އަޅުވާނެއެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ފެނިގެންދާނީ 1940 ވަނަ އަހަރު ދުނިޔެއަށް އައި ބަދަލުތަކެވެ.

ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިންނަށް ކުރިމަތިވި ދަތިތަކާ އުނދަގޫތައް، އެދުވަސްވަރު އިނގިރޭސި ވެރިކަމާ ހަވާލުވެ ވަޑައިގަތް އާ ބޮޑުވަޒީރުގެ ކޮނޑުގައި އެޅުނު ޒިންމާތައް އަދާކުރެއްވުމުގައި ކުރިމަތިލެއްވި ގޮންޖެހުންތައް ފިލްމުން ފެނިގެންދާނެއެވެ.

މިއީ ތާރީޚީ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ފިލްމެކެވެ. ވިންސްޓަން ޗާޗިލްގެ ރޯލުން ފިލްމުގައި ފެނިގެންދާނީ އެކެޑެމީ އެވޯޑް ނޯމިނީ ގްރޭ އޯލްޑް މޭން އެވެ. މީގެ އިތުރުން ކްރިސްޓިން ސްޓޮކް ތޯމަސް، ލިލީ ޖޭމްސް އަދި ރޮނަލްޑް ޕިކްއަޕްވެސް ފިލްމުނެ ފެނިގެންދާނެއެވެ.

މި ފިލްމު ރޭޓްކޮށްފައިވަނީ ޕީޖީ 13 އަށެވެ.

އެ ފިލްމު 2017 ނޮވެމްބަރުގައި އެމެރިކާގައި ރިލީޒްކުރި ނަމަވެސް އިނގިރޭސިވިލާތުގައި ރިލީޒްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މި ފިލްމު ކްރިޓީކުން ވަނީ ބަލައިގެންފައެވެ. މިހާތަނަށް 56 މިލިއަން ޑޮލަރު ލިބިފައިވާއިރު ގިނަ އެވޯޑުތަކަކަށް މިހާރުވެސް ފިލްމު ވަނީ ނޮމިނެޓުވެފައެވެ. އޭގެ ތެރޭގައި ބަފްޓަ އެވޯޑް ފޯ ބެސްޓް ފިލްމު، ކްރިޓިކްސް ޗޮއިސް މޫވީ އެވޯޑް ފޯ ބެސްޓް ފިކްޗާ ހިމެނެއެވެ.