ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއު، އެނބޫދޫފަޅުގައި ހިންގާ "ކްރޮސްރޯޑްސް މޯލްޑިވްސް"ގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ރާއްޖޭގެ ވިޔަފާރިތަކާއި، ބޭރުގެގެ މަޝްހޫރު ބްރޭންޑުތަކާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބާއްވާ އިންވެސްޓްމަންޓް ރީޓެއިލް އޮޕަޗުނިޓީ ފޯރަމް ފަށައިފިއެވެ.

އެ މަޝްރޫއު ތަރައްގީކޮށް ހިންގާ ތައިލެންޑުގެ ސިންހަ އެސްޓޭޓްއިން ކުރިއަށްގެންދާ އެ ފޯރަމް މިއަދު ހަވީރު ފަހެއް ޖަހަންދެން ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާނެއެވެ.

އިންވެސްޓްމަންޓް ރީޓެއިލް އޮޕަޗުނިޓީ ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު އަފްރާހް

އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސިންހަ އެސްޓޭޓުން އެ ފޯރަމް ބޭއްވުމުން ދޭހަވަނީ ދިވެހީންނާވެސް ގުޅިންގެން ރާއްޖޭގައި ހަގީގީ އިންޓަގްރޭޓެޑް ޕްރޮޖެކްޓެއް ހިންގަން އެކުންފުނިން ބޭނުންވާ މިންވަރު ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއަދުގެ ފޯރަމްގައި، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރެވޭނެ ފަދަ ކުދި ވިޔަފާރިތަކާއި، އަދި ބޮޑެތި ކުންފުނިތަކުން އިންވެސްޓްކުރުމަށް ހޮޓެލްތަކާއި، އެފްއެންބީ އަދި ރިއަލް އެސްޓޭޓް ފަދަ ވިޔަފާރިކުރާ ފަރާތްތައް ބައިވެރިވޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

17 ޖެނުއަރީ 2018: އެނބޫދޫފަޅުގައި އިންވެސްޓްކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާއި ދިވެހި ވިޔަފާރިތައް ގުޅައިދިނުމަށް ބާއްވާ އިންވެސްޓްމެންޓް ރީޓެއިލް އޮޕަޗިއުނިޓީ ފޯރަމް: ތައިލެންޑުގެ ސިންހަ އެސްޓޭޓުން، އާޓުގެލެރީގައި ބާއްވާ މި ފޯރަމް ކުރިއަށް ދާނީ މިއަދު އެކަނި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިންހަ އެސްޓޭޓް ސީއީއޯ ތިޓީ ތޮންގްބެންޖަމަސް ވިދާޅުވީ، [އެނބޫދޫފަޅަކީ] ހަމަ ހަގީގަތުގައިވެސް ދިވެހީންނާއި ބޭރުގެ އިންވެސްޓަރުން ގުޅިގެން އިންވެސްޓް ކުރެވޭނެ ތަނެއް ކަމަށެވެ.

"ބޭރުގެ މަޝްހޫރު ބްރޭންޑުތައް ގެނައި ސަބަބަކީވެސް އެއީ، ދިވެހީންނަށްވެސް ފުރުސަތު ދީގެން، ދިވެހީންނާ އެކު ގުޅިގެން މި މަޝްރޫއު ހިންގުން،" ތިޓީ ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ރީޓެއިލް އޮޕަޗުނިޓީ ފޯރަމްގައި ސިންހަ އެސްޓޭޓް ސީއީއޯ ތިޓީ ތޮންގްބެންޖަމަސް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ފޯރަމްގައި ދުނިޔޭގެ 15 އަށްވުރެ ގިނަ ރީޓެއިލް ބްރޭންޑްތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހެލްތު އެންޑް ވެލްނެސް، އަދި ފުޑް އެންޑް ބެވަރޭޖަސް ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ފަރާތްތައް ހިމެނެއެވެ.