މިހާރު ރާއްޖެ އައިސް އުޅޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ބައްދަލުކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުން އޮތީ އިއްޔެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މިހާރު ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފުދުގައި އެންމެ އިސް ބޭފުޅަކަށް ހުންނަވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފޯ އޭޝިއާ ޑިޕާޓްމެންޓް ޕައޮލާ ޕަމްޕަލޯނީ އެވެ. އޭނާއާ އެކު ވަފުދުގައި ދެން ހިމެނިވަޑައިގަންނަ ވަނީ އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ޓުންގް ލައި މާގްއާއި އީއީއޭއެސްގެ ސައުތު އޭޝިއާ ޑިވިޝަނުގެ އިސްވެރިޔާ ކެރޮލައިން ވިނޮޓް އެވެ.

އީޔޫ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއަށް އެ އިއްތިހާދުގެ އިސްވެރިންގެ ވަފުދުން ކުރާ ދަތުރުގައި ހޯމް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި އެންވާރަމެންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރާއި ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރާނެ އެެވެ.

އަދި ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުންނާ ވެސް ބައްދަލުކުރާނެ ކަމަށް އީޔޫ އިން ބުންޏެވެ.

މި ޒިޔާރަތަކީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް މަޝްވަރާތަކާއި އެއްބާރުލުން ދަމަހައްޓައި ކުރިއެރުމަށް ޓަކައި ކުރާ ޒިޔާރަތެއް ކަމަށް އީޔޫ އިން ބުނެ އެވެ.

އީޔޫގެ ވަފުދުން ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އިންޑިއާ ސަފީރު އަލިކޭޝް މިޝްރާ އަދި ޕީޕީއެމްގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.