ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ސާފު ބަހެއް ބުނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ވަނީ ނުވަ މެމްބަރެއްގެ އެވެ. އޭގެ ތެރެއިން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅި މަައްސަލާގެ ޖަވާބެއް ހޯދަން މި ހަފުތާގެ ކޮންމެ ދުވަހަކު މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް އީސީން ބުނާ މެމްބަރުންނާ ބެހޭ ގޮތުން ސާފު ބަހެއް ސުޕްރީމް ކޯޓުން ބުނަން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ސާފުކޮށްދޭން ޖެހެނީ އެތައް ރައްޔިތުންނެއްގެ ވަކީލުންނާ ގުޅޭ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިކަން ލަސް ކުރެއްވުމަކީ ސުޕްރީމް ކޯޓިގެ އިހުމާލެއް،" ނަޝީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވެސް ވަނީ ޓުވީޓް ކުރައްވައިފަ އެވެ. މައުމޫނު ވިދާޅުވީ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޖަވާބެއް ހޯދުމަށް އެދި ދިއުމަކީ އެ މެމްބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެ މައްސަލާގައި ބަހެއް ނުބުނެ ސުޕްރީމް ކޯޓަށް މަޑުން ނޯވެވޭނެ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.

މީގެ ކުރިން ގޮނޑި ގެއްލުނުތޯ ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ތިން މެމްބަރަކު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެއީ އަލުން ސާފުކޮށްދޭން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގް މައްސަލާގައި ކޮށްފައިވާ ހުކުމާއި އެ ހުކުމާ ގުޅިގެން ނެރެފައިވާ އަމުރުގައި މެމްބަރުންގެ ގޮނޑިއާ މެދު ކަން ހިނގާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން ޕާޓީން ވަކި ވެގެން ނުވަތަ ޕާޓީން ވަކިކޮށްގެން ނުވަތު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނީ 13 ޖުލައި 2017ގެ ފަހުން އޭން އެއްވެސް ކަމެއް ހިނގާފައިވާ ނަމަ އެވެ.

އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމެއް ނުވަތަ ނުގެއްލޭ ކަމެއް ވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ. ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށެވެ.

ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރޭގައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު އަހުމަދާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހިމެނި ވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ހުސްވެފައިވާ ކަން ވެސް އިއުލާނު ކުރި އެވެ.

އޭގެ ފަހުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑި ގެއްލުން ކަންވެސް އިލެކްޝަނުން އިއުލާނު ކުރި އެވެ.