17 Jan 2018, 10:01
ފޭސްބުކް މެސެންޖާ އަކީ މިހާރު ކުނި ބުނިން ފުރިފައިވާ އެޕްލިކޭޝަނެއް ކަމަށާއި ފޭސްބުކް މެސެންޖާ އިސްލާހުކުރަން މިއަހަރު މަސައްކަތް ކުރާނެ ކަމަށް ފޭސްބުކްގެ ހެޑް އޮފް މެސެންޖާ ޑޭވިޑް މާކަސް ބުނެފިއެވެ.
މިއަހަރު ފޭސްބުކް މެސެންޖާއިން ގެންނަން ނިންމާފައިވާ ބަދަކުތައް ހަމަކޮށް ޑޭވިޑް ބުނީ މިހާރަށްވުރެ ބޮޑަށް މެސެންޖާ ''ސިމްޕްލިފައި''ކުރަން ނިންމާފައިވާކަމަށެވެ.
ހުސްވި އަހަރު މެސެންޖާއަށް އިތުރުކުރި ޑޭ/ސްޓޯރީ ފީޗާއާއެކު އެ އެޕްލިކޭޝަން ބޮޑަށް ވައްތަރީ ސްނެޕް ޗެޓާކަމަށްވެސް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.
ޑޭވިޑް މާކަސް ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭ މެސެންޖާއަށް ގިނަ ބަދަލުތަކެއް ގެނައި ކަމަށާއި ބައެއް ބަދަލުތަކަކީ އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ވަރަށް ކަމުދާ ފީޗާތަކެއް ކަމަށެވެ. އަދި ބައެއް ފީޗާތައް އެއްގޮތަކަށްވެސް ޔޫޒަރުންނަށް ކަމުނުދާ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.
މެސެންޖާއަށް ގެނައި ބަދަލުތައް ކަމުނުގޮސްގެން ގިނަ ބަޔަކުވަނީ އެ އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލައިފައެވެ.
މަހެއްގެ މައްޗަށް 1.3 ބިލިއަން މީހުން ފޭސްބުކް މެސެންޖާ ބޭނުންކުރެއެވެ. ކަސްޓަމާ ސާވިސް ބޮޓްސް، ޕޭމެންޓްސް، ގޭމިން ޕްލެޓްފޯމް އަކީ މިހާރު މެސެންޖާގައި ހިމެނޭ ބައެއް ފީޗާސްތަކެވެ.
މެސެންޖާ އަކީ އެކަކު އަނެކަކާ ވާހަކަ ދައްކަން ހާއްސަ އެޕަކަށް ހަދައި އޭގައި ހުރި ސްޓޯރީ ލައިން ކަހަލަ ފީޗާތައް ދުއްވައިލުމަށް އަނެއްކާވެސް ވިސްނާކަމަށް ބެލެވެއެވެ. ނަމަވެސް މެސެންޖާ އިސްލާހުކުރަން އަޅާނީ ސީދާ ކޮން ފިޔަވާޅުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.