17 Jan 2018, 10:06
ވޮޝިންޓަން(ޖެނުއަރީ 17): ފަލަސްތީނަށް އެހީ ފޯރުކޮށްދޭ އދ.ގެ އޭޖެންސީއަށް އެމެރިކާއިން ދޭ އެހީގެ ތެރެއިން 65 މިލިއަން ޑޮލަރުގެ އެހީ ހިފަހައްޓަން އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެގައުމުން ޔޫއެން ރިލީފް އެންޑް ވޯކްސް އޭޖެންސީ (އުނުރްވާ)އަށް ފޯރުކޮށްދޭ 125 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 65 މިލިއަން ޑޮލަރު ހިފަހައްޓަން ނިންމީ އެ އޭޖެންސީއަށް އިސްލާހުތަކެއް ގެންނަން ޖެހޭތީ އެވެ.
އަދި މިއީ މެދުއިރުމަތީގައި ސަލާމަތާއި ހަމަޖެހުން ގާއިމު ކުރުމަށްޓަކައި އެހެން ގައުމުތަކުން އިސްނަގަންވީ ވަގުތު ކަމަށްވެސް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިދިޔަ އަހަރު އުނުރްވާއަށް 370 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ އެމެރިކާއަކީ އެ އޭޖެންސީއަށް އެންމެ ގިނަ އަދަދަކަށް އެހީ ފޯރުކޮށްދޭ ގައުމެވެ. އެގޮތުން އުނުރްވާ ހިންގުމަށް އެކި ގައުމުތަކުން ދޭ އެހީގެ 30 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާއިންނެވެ.
އެމެރިކާއިން ފަލަސްތީނަށްދޭ އެހީގެ ބައެއް ހިފަހައްޓަން ނިންމާފައިވަނީ، އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެތައް މިލިއަން ޑޮލަރުގެ އެހީ ދިން ނަމަވެސް އެމީހުން އެކަމަށް ޝުކުރުވެރި ނުވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ. މިމަހުގެ ދޭއްގައި ޓްރަމްޕް ކުރެއްވި ޓުވީޓުތަކުގައި އޭނާ ވަނީ ފަލަސްތީނުން އިސްރާއީލާއެކު ސުލްހަ ގާއިމު ކުރަން މަސައްކަތް ނުކުރާ ކަމަށާއި އެހެންކަމުން އެމެރިކާއިން ފަލަސްތީނަށްދޭ އެހީ ހުއްޓާލަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިސްރާއީލުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނީ ޑެނަން ވަނީ އުނުރްވާއަކީ އިސްރާއީލާ ދެކޮޅު ހިޔާލު ފަތުރާ އޭޖެންސީއެއް ކަމަށާއި އެ އޭޖެންސީއަށް ދޭ އެހީ އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއިން އިސްރާއީލަށް ކޮންމެ އަހަރަކުދޭ އަސްކަރީ އެހީގެ އަދަދު ތިން ބިލިއަން ޑޮލަރަށް އަރައެވެ. (ބީބީސީީ)