ރިއަލިޓީ ޓީވީތަރި ކިމް ކާޑޭޝަން އަށާއި އޭނާގެ ފިރިމީހާ ކެންޔޭ ވެސްޓަށް ތިންވަނަ ދަރިއަކު ލިބިއްޖެއެވެ.

ސަރަގޭޓް މަންމައެއް މެދުވެރިކޮށް ކިމް އަށް މިފަހަރު ލިބުނީ އަންހެން ކުއްޖެކެވެ. ކިމް އަށާ ކެންޔޭއަށް ދަރިއަކު ލިބުނުކަން އެމީހުން ވަނީ ސޯޝަލް މީޑިއާގައި އިއްޔެ ހިއްސާކޮށްފައެވެ. އެ ދެމީހުންގެ އަންހެން ދަރިއަކާ ފިރިހެން ދަރިއަކު އެބަތިއްބެވެ.

އެ ދެމަފިރިން ވަނީ އެމީހުންގެ ދަރިފުޅުގެ ސަރަގޭޓް މަންމައަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ސަރަގޭޓް މަންމަ އެއް މެދުވެރިކޮށް ދަރިއަކު ހޯދުމަށް ކިމްގެ ދެމަފިރިން ވިސްނީ އެ ދެމަފިރިން އިތުރަށް ދަރިން ބޭނުންވެފައި މާބަނޑު ދުވަސްވަރު ކިމްއަށް އުނދަގޫތައް ދިމާވެ، ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ލަފާދީފައިވާތީއެވެ.

ކިމް އާ ކެންޔޭގެ ދެ ދޮށީ ދެދަރިން ކަމަށްވާ ހަތަރު އަހަރުގެ ނޯތު އަދި ދެ އަހަރުގެ ސެއިންޓް ވިހެއުމުގެ ތެރޭގައި އަދި މާބަނޑު ދުވަސްވަރުވެސް ކިމްއަށް ވަނީ ތަފާތު އުނދަގޫތައް ކުރިމަތިވެފައެވެ.

ކިމްގެ ތިންވަނަ ދަރިފުޅުގެ ފޮޓޯ އަދި އާންމުކޮށްފައެއް ނުވެއެވެ.

ކާޑޭޝަން އާއިލާއަށް އިތުރު ކުއްޖަކު އުފަންވެފައިވާއިރު ކްލޯއީ ކާޑޭޝަންވެސް އިނީ ބަލިވެއެވެ. މިދިޔަ މަހު ކްލޯއީ ވަނީ އޭނާ މާބަނޑުކަން ޔަގީން ކޮށްދީފައެވެ. ކްލޯއީ ވިހާނީ މާޗްމަހުގައި ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ކާޑޭޝަން-ޖެނާ އާއިލާގެ އެންމެ ހަގު ކައިލީ ޖެނާ މާބަނޑުކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ. ނަމަވެސް ކައިލީވެސް އެ އާއިލާގެ އިތުރު މީހަކުވެސް އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

މާބަނޑުކަމަށް ވާހަކަ ދެކެވެން ފެށިފަހުން ސޯޝަލް މީޑިއާގެ ރާނީ ކައިލީ އުޅެނީ ވަރަށް ފިލައިގެންނެވެ.