ޒޯޔާ އަޚްތަރުގެ ކުރިއަށް އޮތް ފިލްމު 'ގަލީ ބޯއީ'ގެ ޝޫޓިން، އާލިއާ ބަޓް އަދި ރަންވީރް ސިންގ އާއެކު ފަށައިފި އެވެ.

ޒޯޔާގެ އިތުރުން ރަންވީރު އަދި އާލިއާ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށްފައެވެ.

ފިލްމުގެ ސެޓުގައި ދެ ތަރިން ޝޫޓު ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ. ފޮޓޯގައި އާލިއާ ބުރުގާ އަޅާފައި ހުރި އިރު، ރަންވީރު ފެންނަނީ އާދައިގެ ގޮތަކަށެވެ.

މުމްބާއީގައި ޝޫޓު ކުރަމުން އަންނަ 'ގަލީ ބޯއީ' އަކީ މުމްބާއީގެ ސްޓްރީޓް ރެޕަރުން ކަމުގައިވާ ނޭޒީ އަދި ޑިވައިންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މިއީ ރަންވީރާއި އާލިއާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ރަންވީރު ވަނީ މީގެ ކުރިން ޒޯޔާގެ ފިލްމު 'ދިލް ދަޅަކްނޭ ދޯ'ގައި ވެސް މަސައްކަތް ކޮށްފައެވެ. ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އިންނެވެ.

އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 'ބަދްރީނާތު ކީ ދުލްހަނިއާ' އިންނެވެ. އާލިއާ ވަނީ ވަރަށް ފަހުން މޭގްނާ ގުލްޒާރުގެ 'ރާޒީ'ގެ މަސައްކަތް ވެސް ނިންމާލައިފައެވެ. އަދި އޭގެ އިތުރުން ރަންބީރު ކަޕޫރާއި އަމީތާބް ބައްޗަން އާއެކު ފިލްމު 'ބްރަހްމާޝްތުރާ' އިން ވެސް ފެނިގެން ދާނީ އާލިއާއެވެ.

ފަރްހާން އަޚްތަރު ކޯ-ޕްރޮޑިއުސް ކުރާ 'ގަލީ ބޯއީ' ރިލީޒް ކުރާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.