17 Jan 2018, 09:02
ކަރީނާ ކަޕޫރު ޚާން އަދި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު 'ވީރޭ ދީ ވެޑިން' ރިލީޒް ކުރާ ތާރީޚު ހަމަޖައްސައިފި އެވެ.
ފިލްމު ރިލީޒް ކުރާ ތާރީޚު ހާމަކޮށްފައި ވަނީ ބަތަލާ ސޯނަމް ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ. ފިލްމުގެ ޕޯސްޓަރާ އެކު ސޯނަމް ކުރި ޕޯސްޓުގައި ވާގޮތުން ފިލްމު ރިލީޒް ކުރާނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.
މީގެ ކުރިން ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މެއި މަހު އެވެ. ފިލްމު ރިލީޒް ކުރުން ފަސްކުރި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އެކްތާ ކަޕޫރު އަދި ރިއާ ކަޕޫރު ގުޅިގެން އުފައްދާ އެ ފިލްމުގައި ކަރީނާ އާއި ސޯނަމްގެ އިތުރުން، ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
ޝެޝާންކް ގޯޝް ޑައިރެކްޓު ކޮށްފައިވާ ފިލްމުގެ ސްކްރިޕްޓު ލިޔެފައި ވަނީ މެހުލް ސޫރީ އަދި ނިދީ މެހެރާއެވެ.