17 Jan 2018, 01:25
މި ސަރުކާރުގެ ކޮންމެ ކާމިޔާބީއަކީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަށް އޮތް ކަންބޮޑުވުމެއްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ހިންގަމުންދާ ތަރައްގީގެ ބޮޑެތި ކޮންމެ މަޝްރޫއަކާމެދު އެމްޔޫއޯއިން ކަންބޮޑުވާ ކަމަށެވެ.
"ތިޔަ އެމްޔޫއޯއިން ކަންބޮޑުނުވާ ކަމެއް އެބަ އޮތްބާ؟ އެއާޕޯޓު ޕްރޮޖެކްޓް. ޔޫތު ސިޓީ، އެއާޕޯޓުތައް. ފެނާ ނަރުދަމާ ހެދުމާ. ބަނދަރުހެދުން. ބިންހިއްކުމާ ބޯހިޔާ ވަހިކަން. ތައުލީމާ ސިއްހަތު މިހެން ކިޔާނެ ކަމެއް ނެތް. މި ސަރުކާރުގެ ކޮންމެ ކާމިޔާބީއަކީ އެމްޔޫއޯ އަށް އޮތް ކަން ބޮޑުވުމެއް."އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ނިމި އޭގެ މަންފާ ރައްޔިތުންނަށް ލިބެންފެށުމުން އެމްޔޫއޯގެ ކަންބޮޑުވުންތައް އިތުރުވެގެން ދާނެ ކަމަށެވެ. އަދި ރައްޔިތުން ދަނީ ރައީސް ޔާމީންގެ ތަރައްގީ ލޮލުން ދެކެ އަތުން ހިފަމުން ކަމަށާއި ރައްޔިތުންގެ ލޮލުގައި އެމްޔޫއޯއިން ކިތަންމެ ވަރަކަށް އަނދުން އަޅަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޔޫއޯ އަކީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގުމަށް އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުވެސް ވަނީ ބައިވެރިވެފައެވެ.
ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅާ ގުޅިވަޑައިގަތްފަހުން އެމްޔޫއޯގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. މިހާރު އިދިކޮޅު ފަރާތްތަކުން ހަރަކާތްތައް ހިންގަމުން ދަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނަމުގައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުން ހިންގާ ބިޔަ ޕްރޮޖެކްޓުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.