24 Jan 2018, 10:12
ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން މުބާރާތަށް ކޮލިފައިވެ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރުތަކުން ފެންވަރު ދައްކާލާ ސްޓޭޖެވެ. ފެއިލްވުމަކީ މުޅި ގައުމެއް އެކީއެކައްޗަކަށް ރޮއްވާލުމެވެ. ކާމިޔާބީއާ ހަމައަށް ދިއުމަކީ އެތައްބަޔަކަށް އަންނަ އީދެކެވެ. ގައުމެއް އެކުގައި ހެއްވާލާ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރުގެ ރަސްކަން ކޮށްލަން ލިބޭ ފުރުސަތެކެވެ.

އެންމެފަހުގެ ފީފާ ވޯލްޑް ކަޕުގެ ޗެމްޕިއަން ޖަރުމަނު، ވޯލްޑް ކަޕު ޓްރޮފީއާއެކު --- ފޮޓޯ/އޭޕީ
ފީފާ ވޯލްޑް ކަޕުގައި ކުޅޭ 32 ޓީމުވެސް އެއް މަސް ދުވަހަށް ދިގުދެމިގެންދާ ވޯލްޑް ކަޕުގައި، މެޗަކަށްފަހު މެޗެއް ކަޑައްތުކުރަނީ ހަމަ އެންމެ ކަމަކަށެވެ. ފީފާ ވޯލްޑް ކަޕުގެ ތަށި އުފުލާލުމަށެވެ. ފީފާ ވޯލްޑް ކަޕު ތަށި އުފުލާލި ކުޅުންތެރިންގެ ލިސްޓުގައި ނަން ޖަހާލުމަށެވެ. އެ ކުޅުންތެރިން ނިސްބަތްވާ ގައުމުގެ ނަން ވޯލްޑް ކަޕު ޓްރޮފީގައި 'އެންގްރޭވް' ކޮށްލުމަކީ ކެރިއަރުގައި އެންމެ ފަހުރުވެރިވާނެ ވަގުތެވެ.
އަތް ނުލެވުނަސް ފީފާ ވޯލްޑް ކަޕުގެ އަސްލު ޓްރޮފީ ބަލާލުމަކީ ފުޓުބޯޅައަށް ލޯބިކުރާ އެތައްބައެއްގެ ޒަމާންވީ ހުވަފެނެވެ. މި ފުރުސަތު ކޮކާ ކޯލާގެ އެހީގައި ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާގައި ލިބުގެންދާނެއެވެ. އެހެން ނަމަވެސް ރާއްޖެއިން ޓްރޮފީގައި އަތްލެވޭނީ ކޮންބަޔަކަށްތޯ، މިއީ ކުރެވޭ ސުވާލެވެ.
ވޯލްޑް ކަޕު ޓްރޮފީގައި އަތްލެވޭނީ ކޮން ބަޔަކަށް؟

ފީފާ ވޯލްޑް ކަޕު ޓްރޮފީއާއެކު ލެޖެންޑުންގެ ޓީމެއް --- ފޮޓޯ/ ފީފާ
ފީފާ ވޯލްޑް ކަޕު ޓްރޮފީ މިއަދު އެހުރި ޝަރަފުވެރި މަގާމުގައި ހުރުމުގެ އެންމެ ބޮޑު ސިއްރަކީ، ޓްރޮފީގައި އަތްލެވޭ މީހުންގެ އަދަދު މަދުކަމެވެ. ފީފާ ވޯލްޑް ކަޕު ހޯދާ ޓީމަށްވެސް ހަތަރު އަހަރު އަތުގައި ބަހައްޓާލަން ލިބެނީ ވޯލްޑް ކަޕުގެ ރެޕްލިކާ ޓްރޮފީއެކެވެ. ރަން ޕްލޭޓެޑް ޓްރޮފީއެކެވެ. ނަމަވެސް ރާއްޖެ ގެނެވޭނީ ފީފާއިން ހާއްސަކޮށްފައިވާ ދާރުލްއާސާރުގައި ބެހެއްޓިފައިވާ ޓްރޮފީއެވެ. މި ޓްރޮފީ ބޭނުން ކުރަނީ ހަމައެކަނި ވޯލްޑް ކަޕުގެ ގުރުއަތުނެގުމުގެ ރަސްމިއްޔާތާއި ކޮންމެ ވޯލްޑް ކަޕެއްގެ ފެށުން އަދި ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން ޓުއާގައެވެ.
ޓްރޮފީ ދިވެހި ފަސްގަނޑުގައި ބަހައްޓާލުމުގެ ރަނުގެ ފުރުސަތު ލިބިފައިވާއިރު، ކުރެވޭ ސުވާލަކީ ޓްރޮފީގައި އަތްލެވޭނީ ކޮންބަޔަކަށްތޯ، މި ސުވާލެކެވެ. ޖަވާބު ވަރަށް ސާފެވެ. ފީފާ ޓްރޮފީގައި އަތްލެވޭނީ ފީފާ ވޯލްޑް ކަޕު ހޯދި ޓީމެއްގެ ކުޅުންތެރިއަކަށް ނޫނީ އެޓީމުގެ އޮފިޝަލުން ޓީމުގެ ބޭފުޅުންގެ އިތުރުން ގައުމުތަކުގެ ރައީސުން (ހެޑް އޮފް ސްޓޭޓް) އަށް އެކަންޏެވެ. މިއީ ފީފާއިން ވޯލްޑް ކަޕު ޓްރިފީއަށް ހަރުކަށިކޮށް ހަދާފައިވާ ގަވާއިދެވެ.
ކޮކާ ކޯލާ ވޯލްޑް ކަޕު ޓުއާގައި ޓްރޮފީ އުފުލުމަށް ހަރަކާތްތެރިވާނީ ވޯލްޑް ކަޕު ހޯދާފައިވާ ފުޓުބޯޅަ ލެޖެންޑުންނެވެ. ކޮންމެ ގައުމަކުންވެސް ޓްރޮފީގައި އަތްލާނީ ހަމައެކަނި އެގައުމެއްގެ ރައީސް ނުވަތަ ހެޑް އޮފް ސްޓޭޓެވެ.

ކޮކާ ކޯލާ ފީފާ ވޯލްޑް ކަޕު ޓުރޮފީ ޓުއާ އަކީ 2006 ވަނަ އަހަރު ވޯލްޑް ކަޕުގެ ކުރިން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގެ ކުރިއަށް ގެންދާ ހަރަކާތެއް ---
ތަށީގައި އަތް ނުލެވުނަސް މާޔޫސްވާނެ ޖާގައެއް ނެތެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ތަށްޓާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެއްސަކަށްވެސް އެބައޮތެވެ. ކޮކާކޯލާއިން ހާއްސަކޮށްފައިވާ ޓިކެޓެއް ހޯދައި ތަށްޓާއެކު ނަގާ ފޮޓޯ އަލްބަމް ކޮށްލަން ތައްޔާރުވާށެވެ. މިއަދު ހަވީރު ތަށި ރާއްޖޭގެ ފަސް ގަނޑަށް އެރުމާއެކު ޓްރޮފީ ޓުއާގެ އީދު ފެށުނީއެވެ.