17 Jan 2018, 09:23
ވޮލީ ބޯޅައިގައި ވޭތުވެދިޔަ އަހަރަކީވެސް އިވެންޓްތައް ގިނަ އަހަރެކެވެ. ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ މުބާރާތެއް ރާއްޖޭގައި އިންތިޒާމްކޮށް ކާމިޔާބުކަމާއެކު ނިންމާލައިފައިވާ އިރު، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބުނެފައިވަނީ ނިމިގެންދިޔަ އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން މިއަހަރު ވަނީ ވޮލީ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ވޮލީބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ މި ދަނޑިވަޅަކީ ރިފޯމް އެޖެންޑާއެއްގެ ދަށުން ވީއޭއެމްގެ އެކްސްކޯއިން ވޮލީ ގައުމީ ޓީމުތަކާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ވެސް ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެކެވެ.
ވޭތުވެދިޔަ އަހަރު ބޭއްވި އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
މިއަހަރު ވޮލީ ކަލަންޑަރަށް ގެނައި ބަދަލުތައް
ރިސޯޓް މުބާރާތުގައި މިއަހަރުވެސް ކޮންމެ ޓީމެއްގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު، ކޮންމެ ޓީމެއްގައި ގައުމީ ލެވެލްގެ ލިބަރޯ ކުޅުންތެރިއެއް މިއަހަރު ހިމެނޭނެއެވެ. މީގެ އިތުރުން މިއަހަރުގެ ކަލަންޑަރުގައި 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ މުބާރާތެއް ހިމަނާފައިވާ އިރު، މިއަހަރު ވީއޭއެމްގެ ދެވަނަ ޑިވިޝަން މުބާރާތް ނޯންނާނެއެވެ.
ވީއޭއެމްއިން އެ އިދާރާގެ އަހަރީ ކަލަންޑަރު އިއްޔެ ނޫސްވެރިންނާ ހިއްސާކުރަމުން އެސޯސިއޭޝަނުން ބުނިގޮތުގައި ދެވަނަ ޑިވިޝަން ކެންސަލްކުރީ ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިންނެވެ. އެގޮތުން އެ މުބާރާތުގައި ކުޅޭ ޓީމުތަކުގެ މާލީ ހާލަތަށް ބަލާ އިރު، ޓީމުތައް ވޮލީ ލީގާއި އެސޯސިއޭޝަން ކަޕަށް ކޮލިފައިވި ނަމަވެސް މުބާރާތްތަކުގައި ވާދަކުރަނީ އަންހެން އަދި ފިރިހެން ވެސް މަދު ޓީމުތަކެއް ކަމަށެވެ. އެހެންކަމުން މިއަހަރުގެ ވޮލީ ލީގު އަދި އެސޯސިއޭޝަން ކަޕަށް ޓީމުތައް ފުރާނާލުމަށް ޕްލިމިނަރީ ބުރެއް ކުޅުމަށް ޓެކްނިކަލް ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ވީއޭއެމްއިން ވަނީ ބުނެފައެވެ.
މިއަހަރުގެ ވޮލީ ކަލަންޑަރުގައި ކޮލެޖް ޔުނިވާސިޓީ މުބާރާތް ވެސް ނޯންނާނެ ކަމަށާއި، އެ މުބާރާތް މިއަހަރު ނުބާއްވަން ނިންމީ އެ މުބާރާތުގެ މަގުސަދު ކަމަށްވާ ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގުސަދު ހާސިލް ނުވާތީ ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ. އޭގެ ބަދަލުގައި މިއަހަރު ޒުވާން ވޮލީ ޓީމުތަކަށް ޔޫތު ޗެމްޕިއަންޝިޕް މެދުވެރިކޮށް ހުނަރު ދައްކާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދިނެވެ.
ކޮލެޖާއި ޔުނިވާސިޓީތަކުގެ ނަންމަތީގައި ވެސް ޔޫތު މުބާރާތުގައި ބައިވެރިވެވޭނެ ކަމަށާއި، ކޮލެޖު ނުވަތަ ޔުނިވާސިޓީގެ ނަންމަތީގައި ބައިވެރިވި ނަމަވެސް އުމުރުފުރާއަށް ފެތޭ ކުޅުންތެރިއެއްނަމަ ކޮލެޖު/ޔުނިވާސިޓީގައި ކިޔަވަމުން ނުދާ ކުއްޖަކަށް ވެސް އެޓީމަކަށް ކުޅެވޭނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
މިއަހަރުގެ ނޮވެމްބަރު މަހު އަތޮޅުތަކަށް ހުޅުވާލައިގެން މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ކުރިއަށްދާނީ ޒޯންތަކަކަށް ބަހައިލައިގެން ކަމަށް އެސޯސިއޭޝަނުން ބުނެއެވެ. އަދި ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި މާލޭގައި ފައިނަލް ބުރެއް ކުޅެން ރާވަމުންދާ ކަމަށް ވެސް އެސޯސިއޭޝަންގެ ފަރާތުން ބުނެފައިވެއެވެ.
ވޭތުވެދިޔަ އަހަރު ބޭއްވި ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
ރާއްޖޭގެ ޓީމުތައް ވާދަކުރާ ބައިނަލްއަގުވާމީ އަށް މުބާރާތް
މިއަހަރުގެ ކަލަންޑަރުގައި ރާއްޖޭގެ ގައުމީ ޓީމުތައް ވާދަކުރާ ބައިނަލްއަގުވާމީ އަށް މުބާރާތް ވަނީ ހިމެނިފައެވެ. މީގެ ތެރޭގައި އަށް މުބާރާތެއްގައި ފިރިހެން ޓީމުތައް ވާދަކުރާ އިރު، އަންހެން ޓީމުތައް ވާދަކުރާނީ ތިން މުބާރާތެއްގައެވެ.
މި މުބާރާތްތަކުގެ ތެރެއިން ރާއްޖޭގައި އޮންނާނީ އަންނަ މާޗު މަހު 20 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ މުބާރާތެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގައި ވެސް މުބާރާތް ބާއްވާ ގައުމުގެ ގޮތުން ރާއްޖެއަށް ތިން ޓީމު ބައިވެރިކުރެވޭނެއެވެ.
ދެން އޮންނާނީ އޭޕްރީލް މަހު ތައިލެންޑުގައި ބާއްވާ ބީޗު ވޮލީ މުބާރާތެވެ. މި މުބާރާތަށް ވެސް ދިވެހި ފިރިހެން ބީޗް ވޮލީ ޓީމު ދާ އިރު، އެމަހު 16-23 އިން ބަނގުލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ރާއްޖޭގެ ޓީމު ވަނީ މިހާރު ތައްޔާރީތައް ފަށައިފައެވެ.
ނޭޕާލްގައި ބާއްވާ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖޭގެ އަންހެން ސީނިއާ ޓީމު ވާދަކުރާ އިރު، އެ މުބާރާތުގެ ތާރީހު އަދި ފައިނަލެއް ނުވެއެވެ. އަދި ރާއްޖޭގެ ފިރިހެން ޓީމު ވާދަކުރަން ހަމަޖެހިފައިވާ ކިރިގިސްތާން އިންވިޓޭޝަނަލް ކަޕުގެ ތާރީހު ވެސް އަދި ފައިނަލް ކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ 20 އަހަރުން ދަށުގެ ވޮލީ ޓީމު މިއަހަރުގެ ޖުލައި މަހު ބަހްރެއިންގައި ބާއްވާ މުބާރާތެއްގައި ވާދަކުރުމަށް ހަމަޖެހިފައިވާ އިރު، އިންޑޮނޭޝިއާގައި އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ބާއްވާ 19 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމު ވާދަކުރާނެއެވެ. ނޮވެމްބަރު މަހު ބާއްވާ އޭވީސީ ބީޗް ވޮލީ މުބާރާތުގައި ވެސް ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމު ބައިވެރި ކުރުމަށް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.
ވޭތުވެދިޔަ އަހަރުގެ އޭޝިއަން ސެންޓްރަލް ޒޯން ދެ މުބާރާތް ރާއްޖޭގައި ބާއްވާފައިވާ އިރު، ދިވެހި ގައުމީ ޓީމުތަކުގެ ފަރާތުން ފެނިފައިވަނީ އެންމެ އެދެވޭ ނަތީޖާތަކެއް ނޫނެވެ. ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ މިއަހަރުގެ ހުރިހާ މުބާރާތަކީ ވެސް ގައުމީ ޓީމުތައް ތައްޔާރުކުރުމަށް ބާއްވާ މުބާރާތްތަކެއް ކަމަށެވެ.