ވޭތުވެދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއަށް މޮޅު ކުޅުމެއް ދެއްކި އިބްރާހީމް ރިޒުހާން (ރިޒްކޮ)އެޓީމާއެކު ކޮންޓްރެކްޓް އައުކޮށްފިއެވެ.

އަންނަ ސީޒަންގައިވެސް ގްރީންގައި މަޑުކުރުމަށް ކޮންޓްރެކްޓް އައުކުރި ރިޒްކޮއަކީ މިދިޔަ ސީޒަންގައި ގްރީން ސްޓްރީސްއިން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔާއެވެ. ގްރީން ސްޓްރީޓްސްއާއެކު ކްލަބު ލެވެލްގައި މޮޅު ކުޅުމެއް ދައްކާ އޭނާވަނީ އޭއެފްސީ އޭޝިއަން ކަޕު ކޮލިފައިންގައި ދިވެހި ގައުމީޓީމާއި ފަލަސްތީން ވާދަކުރި މެޗުގެ ގައުމީ ޓީމުގެ ސުކޮޑުގައިވެސް ހިމެނިފައެވެ.

މިފެށޭ ސީޒަނަށް ތައްޔާރުވަމުން އަންނަ ގްރީން ސްޓްރީޓްސްއިންވަނީ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ)އާއި ކުރިން އީގަލްސްއަށް ކުޅުނު، ހަސަން އަބްދުﷲ (އުޗީ)އާއި ނިމިގެންދިޔަ ދިވެހި ޕްރިމިއާ ލީގުގައި ތިނަދޫ ޓީމަށް ކުޅުނު މުހައްމަދު ރިސްވާން (ފުކޭ)ވެސް އެޓީމަށް ގެނެސްފައެވެ. ގްރީން ސްޓްރީޓްސްއިން މި ފެށޭ ސީޒަންގައި އަޑުބަރޭ ފެނުން ގާތްކަމަށްވެސް އަޑު ފެތުރިފައިވެއެވެ.

މީގެ އިތުރުންވެސް ގްރީން ސްޓްރީޓްސްއަށް ވޭތުވެދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި، ޔޫކުރެއިންގެ ޒުވާން މިޑްފީލްޑަރު ސޮބުލް އިލިއާ އާއި އެޓީމުގެ ގޯލު ބެލެހެއްޓި ޖަޕާންގެ ޖުން ކޮޗީ އަންނަ ސީޒަންގައިވެސް ޓީމުން ފެންނާނެ ކަމަށް ގުރީންގެ ރައީސް އަހުމަދު ޝަޒީންވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ ސީޒަންގައި އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ގްރީނުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ. އެ ސީޒަންގައި ގްރީން ސްޓްރީޓްސްއަށް އިރުޝާދު ދިން ކޯޗު، ސޮބާހު މުހައްމަދު އަންނަ ސީޒަންގައި ފެންނާނީ ވެލެންސިއާއިންނެވެ. ގްރީން ސްޓްރީޓްސްގެ ކޯޗަކަށް އަންނަ ސީޒަނަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންއެވެ.