ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝަރުއީ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑުކުރިތާ ދެ އަހަރު ފަހުން ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރީޝަން (ޑީޖޭއޭ) އިން ޝަމީމް ސަސްޕެންޑުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އޭނާ ސަސްޕެންޑުކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުންނަވައި ދެއްވި ނިއުސް ކޮންފަރެންސެއްގައި ޝަރުއީ ނިޒާމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ޑީޖޭއޭ އިން މިރޭ ކުރި އިއުލާނެއްގައި ވަނީ ޝަމީމަށް ރާއްޖޭގެ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ޝަމީމްގެ މައްސަލަ ބެލުމަށްފަހު ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.