15 Aug 2011, 14:20
މި މަހު ކުރީ ކޮޅު ޅ. އަތޮޅު ކުރެއްދޫ ރިސޯޓްގައި ހިނގި އެކްސިޑެންޓްގައި ފުރާނަ ސަލާމަތްވި ހަމައެކަނި ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ފުރުމަށް ފުލުހުން ހުރަސް އަޅައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ކުރެއްދޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމުވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާހޯދަމުން އަންނަ ސްވިޑުންގެ ފިލިޕް އިއުގެން ޕެޓްރެއާ،23، އަށް އިތުރު ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ އަށް އޭނާގެ އާއިލާގެ ފަރާތުން އެދިފައިވާ ކަމަށާއި ނަމަވެސް ފުލުހުން ބެލުމަށް ފަހު އޭނާ އަށް "ލައިފް ތްރެޓްނިން" ގެއްލުމެއް ލިބިފައިވާ ކަމަށް ގަބޫލު ނުކުރެވޭތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުމުގެ ހުއްދަދީފައި ނުވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި ފިލިޕްގެ އެއް ކިޑްނީ އަށް ގެއްލުން ލިބި ހޮސްޕިޓްގައި އެޑްމިޓް ކުރީ ހީސްލާއިރު ލޭ އަންނާތީ އެވެ. ނަމަވެސް ހަފުތާ އަކަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.
ފިލްޕް އިތުރު ފަރުވާ ހޯދުމަށް ފުރުމުގެ ހުއްދަދީފައި ނުވާ އިރު، ރާއްޖޭގައި ކިޑްނީ ސްޕެޝަލިސްޓަކު ނެތް ކަމަށާއި އޭނާގެ އެއް ކިޑްނީ ފޭލިވެދާނެތީ އާއިލާ އިން ކަންބޮޑުވާ ކަމަށް ސަން އަށް އެނގިފައިވެ އެވެ. ކިޑްނީ ސްޕެޝަލިސްޓަކު ރާއްޖޭގައި ނެތުމުން އޭނާ އަށް ހަގީގަތުގައި ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ވެސް ނޭނގޭތީ އާއިލާ އިން ކަންބޮޑުވާ ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
ކްރެއްދޫ ރިސޯޓްގައި އެކްސިޑެންޓްވެ، ދެ މީހަކު މަރުވެ، ފިލިޕް ޒަހަމުވީ، އެ މީހުން ދުއްވި ކުއަޑް ވެހިކަލް މަގުމަތީގައި ހުރި ގަހެއްގައި ޖެހި އެކްސިޑެންޓްވެގެން ކަމަށް ފުލުހުން ބުންޏެވެ.