16 Jan 2018, 20:31
ބާރަ އަހަރުންދަށުގެ އެއްވެސް ފުޓުބޯޅަ މުބާރާތެއް ވާދަވެރި ގޮތެއްގައި ބާއްވަން ހުއްދަ ނުދޭނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ 12 އަހަރުން ދަށުގެ އެއްވެސް މުބާރާތެއް ފެސްޓިވަލެއްގެ ސިފައިގައި ނޫން ގޮތަކަށް ބޭއްވުމުގެ ހުއްދަ އެ އިދާރާއިން ދެން ނުދޭނެ ކަމަށެވެ. 12 އަހަރުން ދަށުގެ މުބާރާތްތައް ވާދަވެރި ގޮތެއްގައި ބޭއްވުމަކީ އޭއެފްސީ އަދި ފީފާއިންވެސް ހިތްވަރުދޭ ކަމެއް ނޫން ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
އެފްއޭއެމްއިން ބުނެފައިވަނީ މި ނިންމުން ނިންމީ ޖޫނިއާ މުބާރާތްތައް ވާދަވެރި ގޮތެއްގައި ކުރިއަށް ގެންތީ އެކަމުގެ ޝަކުވާ ސްކޫލްތަކުގެ ބެލެނިވެރިންނާއި ފުޓުބޯޅަ ތަޖުރިބާކާރުންގެ ފަރާތުން އެފްއޭއެމްގެ އިދާރާއަށް ހުށައެޅިފައިވުމުން، އެކަމާމެދު ޓެކްނިކަލް ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
އެފްއޭއެމްއިން ބުނެފައިވަނީ މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ހުރިހާ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުފަހިކޮށްދިނުމުގެ އިތުރުން ވާދަވެރިކަން ބޮޑުވެ ކުދިން ފުޓުބޯޅައާ ދުރަށް ދިއުން ހުއްޓުވުމަށް ކަމަށެވެ. މީގެ އިތުރުންވެސް ވާދަވެރި މުބާރާތްތަކުގެ ސަބަބުން ފުޓުބޯޅައިގެ ހުނަރަށްވުރެ ފުޓުބޯޅައިގެ ގޯސް އާދަތައް ކުދިންނަށް ދަސްވާކަމަށާއި، ކުދިންނަށް އެކަށީގެން ނުވާވަރަށް މެޗުތަކުން ޕްރެޝަރުވާކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައިވެއެވެ. އަދި މުބާރާތްތަކުގެ ސަބަބުން ކުދިންނަށް އެކަށީގެން ނުވާވަރުގެ ތަމްރީންތައްވެސް ބައެއް ފަހަރު ދެވޭ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
އެފްއޭއެމްއިން 12 އަހަރުން ދަށުގެ މުބާރާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދޭން ނިންމީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލު ހިމާޔަތް ކުރުމަށާއި ފުޓުބޯޅަ ކުރި އެރުވުމުގެ ގޮތުން ކަމަށްވެސް އެ އިދާރާގެ ބަޔާނުގައިވެއެވެ.